އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއި ކަރާމާތާއި އިޖުތިމާއީ ގުޅުންތައް ހަރުދަނާކުރުމަށް ހާއްސަ އޮނިގަނޑެއް ކަނޑައަޅާފައިވާ ނޭޝަނަލް ޕޮލިސީ އޮން އޭޖިންގ ލޯންޗުކޮށްފިއެވެ.
މިއީ ސޯޝަލް މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ޔުނެސްކެޕް) ގުޅިގެން އެކުލަވާލާ މި ޕޮލިސީ ލޯންޗުކޮށްދެއްވާފައިވަނީ ޔުނައިޓަޑް ނޭޝަންސް ރެސިޑެންޓް ކޯޑިނޭޓަރ ޓު ދަ ރިޕަބްލިކް އޮފް މޯލްޑިވްސް، މރ. ހާއު ޖަންގ އެވެ.
ނެޝަނަލް ޕޮލިސީ އޮން އޭޖިންގ ގައި ހިމެނޭ މުހިންމު ބައެއް ސިޔާސަތުތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް، އެމީހުންގެ އުމުރާ އެކަށީގެންވާ ފެންވަރު ރަނގަޅު ސިއްހީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ހިދުމަތްތައް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި އެފަރާތްތަކަށް ދިގުމުއްދަތައް ދެމިގެންދާ ތައުލީމާއި ހުނަރު ތަރައްގީކުރުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ.
މީގެއިތުރުން އުމުރުން ދުވަސްވީ މީހުންނަކީ މާލީ ގޮތުން ފުދުންތެރި ބައެއްކަން ކަށަވަރުކުރުމަށް، އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، ޕެންޝަންތަކާއި، އިގުތިސާދީގޮތުން ބައިވެރިވުމުގެ ފުރުސަތުތައް ހިމެނޭގޮތަށް އާމްދަނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ފުޅާކުރުމަކީ ވެސް މި ޕޮލިސީގައި ހިމެނޭ މުހިންމު ސިޔާސަތުތަކެވެ.
މި ރަސްމިއްޔާތުގައި ސޯޝަލް މިނިިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ މި ޕްލޭން ތަންފީޒްކުރެވުމުން އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް އިތުރަށް ރައްކާތެރިކުރުމަށް ބާރު އަޅާ، އެފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއް ކަށަވަރުކޮށްދީ, މުޖުތަމައުގެ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރެވޭނެ ކަމަށެވެ. އަދި އެމީހުންނަކީވެސް އެހެން ބަޔަކަށް ބަރޯސާނުވެ ބާރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ވެގެންދާނެކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާބާދީގެ އުމުރު މަތިވަމުންދާކަމަށާއި ދިވެހިރާއްޖެއަށް ވެސް މިބަދަލުތައް އަންނަމުން ދާކަމުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2030 ވަނަ އަހަރާ ހަމައަށް އާބާދީގެ 7 އިންސައްތަ އަކީ ދޮށީ އުމުރުގެ މީހުން ކަމުގައިވާނެ ކަމަށާއި، 2050 ވަނަ އަހަރާ ހަމައަށް މި ނިސްބަތް ދެގުނައަށް އިތުރުވެ 14 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ފާހަގަކުރައްވާފައެވެ.
ހަމަމިއާއެކު މި ހިސާބުތަކުން ދައްކުވައިދެނީ ސިއްހީ ދާއިރާއާއި އިޖުތިމާއީ ތަރައްގީގެ ރޮނގުން ދިވެހިރާއްޖެ ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައް ކަމަށާއި މުސްތަގުބަލުގައި އުމުރުން ދުވަސްވީ މީހުންނަށް ބާރުވެރިކަމާއި، އިއްޒަތާއި، ޝާމިލުވުމާއި، ރައްކާތެރިކަމާއެކު ދިރިއުޅުމަށް ތައްޔާރުވުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
އޯގާތެރި މުޖުތަމައެއް ބިނާކޮށް, އުމުރުން ދުވަސްވީ މީހުންނަކީ އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ދުޅަހެޔޮކަންމަތީގައި ދިރިއުޅޭ ބައެއްކަން ކަށަވަރުކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަސައްވުރެކެވެ.
އެގޮތުން، “އިސްރަށްވެހިންގެ ނާދީ” ގެ ނަމުގައި ދޮށީ އުމުރުގެ މީހުންގެ އިޖުތިމާއީ މަރުކަޒުތައް ގާއިމުކުރެވިގެންދިއުމަކީ ރައީސްގެ މި ތަސައްވުރު ފުރިހަމަކުރެއްވުމަށް ކުރެވިގެންދިޔަ ވަރަށް މުހިންމު އެއް މަސައްކަތްކަމުގައި ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗުކުރުމަށް ފަހު، މި މަހުގެ 17 އަދި 18 ވަނަ ދުވަހު މި ޕްލޭންގެ ވެލިޑޭޝަން ވޯކްޝޮޕް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ވެލިޑޭޝަން ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގ ތަންފީޒުކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އެންމެފަހުގެ ނިންމުންތައް ނިންމުމެވެ.
މި ޕްލޭންގެ ޑްރާފްޓް ޕްލޭނަކީ މެޑްރިޑް އިންޓަނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގ ފަދަ ބައިނަލްއަގްވާމީ ބޮޑެތި އޮނިގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނެކެވެ.


ކިޔުންތެރިންގެ ހިޔާލު