ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ފަސޭހަކުރުމަށްޓަކައި، ރަޖިސްޓްރީކޮށްގެން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ފަންނުވެރިންނާ ގުޅޭ މަޢުލޫމާތު ބަލާލެވޭނެ “ހެލްތު އެސްޓަބްލިޝްމަންޓް މެނޭޖްމަންޓް ސިސްޓަމް” ލައިސަންސިންގ ސޮފްޓްވެއަރ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ސޮފްޓްވެއާރ އިފްތިތާޙްކޮށްދެއްވާފައި ވަނީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު އެވެ.
މިއަދު ހެނދުނު މީރުމާގައި ބޭއްވި އެ ރަސްމިއްޔާތަށް ވަޑައިގަތުމުން އެ ކަމަނާއަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.
ސޮފްޓްވެއަރ އިފްތިތާހު ކުރުމުގެ އިތުރުން ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ޖޭ.ސީ.އައި. ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ތަމްރީންކުރުމުގެ ޕްރޮގްރާމެއްވެސް މެޑަމް ސާޖިދާ ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 17 ވަނަ ދުވަސް ފާހަގަކުރާ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ މި އަހަރުގެ ޝިއާރަކީ “އަލަށް އުފަންވާ ކުދިންނާއި ހުރިހާ ކުޑަކުދިންގެ ރައްކާތެރިކަން، ބަލިމީހުންގެ ރައްކާތެރިކަން އެންމެފުރަތަމަ ފެށޭހިސާބު” މިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަދި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ރާއްޖޭގެ އޮފީހުގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު