Advertisement

ހިޔާ ފްލެޓް ސަރަހައްދުން ސައިކަލެއް ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަލަށް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ސަރަހައްދުން ސައިކަލެއް ވަގަށް ނެގި މީހަކު އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

މި ހުކުމް އިއްވައިފައިވަނީ މިދިޔަ ހަފްތާގައެވެ.

Advertisement

2 ޖޫން 2025 ވަނަ ދުވަހު ހަވީރު 5:30 އާ 6:00 އާ ދޭތެރޭ ހިޔާ ފްލެޓްގެ ޓަވަރު 11 ބޭސްމަންޓުން ސައިކަލެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ޖަލަށްލާން ހުކުމް ކުރީ ، ސ. ހިތަދޫ ތޫނުފިލިގޭ މުހައްމަދު ޝަފީއު ނަމަކަށް ކިޔާ މީހަކެވެ.

މި ވައްކަން ހިނގައިފައިވަނީ މިދިޔަ ޖޫން މަހުގައެވެ. ދައުލަތުން ޝަފީއުގެ މައްޗަށް ދައުވާ އުފުލާފައިވަނީ، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގައެވެ.

ޝަފީއު ވަގަށް ނެގި ސައިކަލު ފެނިފައިވަނީ، ވައްކަން ކުރިތާ ތިން ދުވަސް ފަހުން މާލެއިންނެވެ. އޭނާ ފެނުނީ އިސްކަންދަރުމަގުގައި ހުންނަ އިވްނިން ރޯސް ކުރިމަތީ ވަގަށް ނެގި ސައިކަލު ސްޓާޓްކޮށްގެން އޭގެ މަތީ އިންދާއެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުމުން، ޝަފީއުވަނީ ސައިކަލު ވަގަށް ނެގި ކަމަށް ޝަރީއަތުގައި އެއްބަސްވެފައެވެ.

މި ކުށަށް އޭނާ ވަނީ އިއުތިރާފްވެ އެއީ އޭނާ ވަގަށް ނެގި ސައިކަލެއް ކަމަށް އެއްބަސްވެފައެވެ. އަދި އޭނާއަކީ މަޖޫރީ މަސައްކަތް ކުރާ މީހަކަށްވާތީ އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދެއްވުމަށް ޝަފީއު ވަނީ ކޯޓުގައި އެދިފައެވެ. ނަމަވެސް ފުލުހުންގެ ރިކޯޑުން ދައްކާގޮތުގައި މިއަހަރު އެކަނިވެސް ވައްކަމާއި ފޭރުމުގެ ތިން ރެކޯޑް އޮތުމާއި ގުޅިގެން، އަދި މަޖޫރީ މަސައްކަތްކޮށްގެން ޖޫރިމަނާ ދެއްކޭނެ ގާބިލުކަމެއް ހުރި ފަރާތެއް ނޫންކަން ދެކޭތީ ކޯޓުން ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކޮށްނުދިނެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި އޭނާގެ މައްޗަށް އިއްވި ހުކުމަކީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މި މައްސަލައިގައި އޭނާ ކުރިން ބަންދުގައި ހޭދަކޮށްފައިވާ 15 ދުވަސް، މި ހުކުމުން އުނިކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި