ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ޓަކައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ރާއްޖެއިން ބޭރުގައި އެ އޮތޯރިޓީން އެކްރިޑެޝަން ދީފައިވާ ޕްރޮގްރާމްތައް ހިންގުމަށް ހުއްދަ ދިނުމުގެ ގަވާއިދެއް އެކުލަވާލައިފިއެވެ.
އެ ގަވާއިދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
އެ ގަވާއިދުގެ ސަބަބުން، ކުރިއަށް އޮތްތަނުގައި ރާއްޖެއިން ބޭރުގައި އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމެއް ހިންގަން ބޭނުންވާ މަރުކަޒުތަކުން އެ ޕްރޮގްރާމް ހިންގޭނީ އެމްކިއުއޭއިން ހުއްދަ ލިބުމަށްފަހު، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މީގެ ކުރިން ރާއްޖެއިން ބޭރުގައި މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ވަކި ހުއްދައެއް ދިނުމުގެ ގަވާއިދެއް ނެތުމުގެ ސަބަބުން، ދިވެހިރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކަށް ބައިނަލްއަގްވާމީ މައިދާނުގައި ހަރަކާތްތެރިވުމަށް ދަތިތަކެއް ދިމާވެއެވެ.
އެމްކިއުއޭއިން ބުނެފައިވާ ގޮތުގައި، އެ ގަވާއިދު ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ، ދިވެހިރާއްޖޭގައި މަތީ ތައުލީމު ދޭ މަރުކަޒުތަކަށް، އެ މަރުކަޒުތަކަށް އެކްރެޑިޓްކޮށްދީފައިވާ ޕްރޮގްރާމްތައް ބައިނަލްއަގްވާމީ ފެންވަރުގައި، އެއްވެސް ކޮލިޓީ ދަށްވުމެއްނެތި ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މިއީ ރާއްޖޭގެ ތައުލީމީ ފެންވަރު ދުނިޔެއަށް ދައްކުވައިދީ، ދިވެހި ކޮލިފިކޭޝަންތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ގަބޫލުކުރެވުން އިތުރުކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.
މިކަމަށް އެދޭ ފަރާތްތަކުން އެމްކިއުއޭއަށް އެޕްލިކޭޝަން ހުށަހެޅުމުން، ރާއްޖެއިން ބޭރުގައި އެ ޕްރޮގްރާމެއް ހިންގުމުގެ ހުއްދަ ދިނުމުގެ މަސައްކަތް އެމްކިއުއޭއިން ކުރިއަށް ގެންދާނެއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާވެ، ބައިނަލްއަގްވާމީ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ކޮލިފިކޭޝަންތައް ހާސިލްކުރުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އެމްކިއުއޭއިން އެފަދަ ކަންކަމަށް ފިޔަވަޅު އަޅަން ފަށާފައި މިވަނީ ރާއްޖެއިން ބޭރުގައި ހުއްދަ ނުހޯދާ އެފަދަ ކޯސްތައް ހިންގާ ސެޓްފިކެޓަށް އެދި ހުށަހެޅުމުން ހުއްދަ ދީފައި ނުވާ ކޯސްތަކަށް ސެޓްފިކެޓް ދެވެން ނޯންނަކަމުން ބިދޭސީ ދަރިވަރުންނަށް ވެސް އަދި ރާއްޖޭގެ ދަރިވަރުންނަށް ބައެއް ފަހަރުގައި ގެއްލުންތަކެއް ވާކަން އެމްކިއުއޭއަށް ފާހަގަކުރެވޭތީ ކަމަށް އެ އޮތޯރިޓީއިން މައުލޫމާތު ދެއްވައެވެ.
މި ދުވަސްވަރަކީ ފޯޖް ސެޓްފިކެޓްތައް ފެންނަލެއް ގިނަ ދުވަސްވަރަކަށް ވެފައި، އެކަމަށް ވެސް ހައްލެއް ހޯދުމަށް އެ އޮތޯރިޓީއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ދުވަސްވަރެކެވެ.


ކިޔުންތެރިންގެ ހިޔާލު