ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން، ގއ. ކަނޑުހުޅުދޫގައި 24 ގަޑިއިރު ހިދުމަތްދޭ އަމިއްލަ ހިދުމަތުގެ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ހިދުމަތް ފެށުމާއެކު އެ ރަށުގެ ރައްޔިތުންނަށް ބޭންކިންގް ހިދުމަތްތައް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.
މި ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ގއ. ކަނޑުހުޅުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންގެ އިތުރުން އެ ރަށު ކައުންސިލުގެ މެންބަރުންނާއި، ރަށުގެ އިސްވެރިންނާއި، ރައްޔިތުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވަނީ ރަސްމީކޮށް އޭޓީއެމުން ފައިސާ ނަންގަވައި، ހިދުމަތްތައް ފެށުނުކަން އިއުލާނު ކުރައްވާފައެވެ.
We have opened a new self service banking ATM in G. A. Kanduhulhudhoo, making essential banking services accessible across communities. 🌴 pic.twitter.com/raxNGsbS4w
— Bank of Maldives (@bankofmaldives) September 11, 2025
ކަނޑުހުޅުދޫގައި ގާއިމްކޮށްފައިވާ މި ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މީގެ އިތުރުން ބިލަށް ފައިސާ ދެއްކުމާއި، އެހެނިހެން އެކައުންޓްތަކަށް ފައިސާ ޓްރާންސްފާ ކުރުންފަދަ ބޭންކިންގްގެ މުހިންމު ހިދުމަތްތައްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބޭނެކަމަށް ބީއެމްއެލުން މައުލޫމާތު ދެއްވައެވެ.

މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅު ފުރިހަމަކުރުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، މިހާތަނަށް 9 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވަނީ އޭޓީއެމްގެ ހިދުމަތް ފަށާފައެވެ. ގއ. ކަނޑުހުޅުދޫގައި މި ހިދުމަތް ފެށުމާއެކު ރައްޔިތުންގެ މާލީ ކަންކަމަށް އިތުރު ފަސޭހައެއް ލިބި، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅު ފުރިހަމަވުމާ ގާތްވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ބީއެމްއެލްއިން ވިދާޅުވަނީ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫޢުގެ ދަށުން ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު އޭޓީއެމްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތްތައް ލިބި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު