މާދަމާ އިން ފެށިގެން ރަސްފަންނު ސަރަހައްދުން ބައެއް ވަގުތީ ގޮތުން ބަންދު ކުރަން ނިންމާފައިވާ ކަަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިރޭ ކުރި އިއުލާނެްގައި ވިދާޅުވީ، ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް މާދަމާ އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި، މިމަސައްކަތް ހިނގާ މުއްދަތުގައި، މި މަސައްކަތް ކުރިއަށް ގެންދާ ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރަމުންދާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
އެ ވުޒާރާއިން މިގޮތަށް ވިދާޅުވެފައިވާއިރު، ރަސްފަންނު ސަރަހައްދު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިމަހު ފަށަން ވަނީ ތައްޔާރުވެފައެވެ. ރަސްފަންނު ސަރަހައްދަށް ބަދަލުގެނެސް ހެދުމަށްޓަކައި ހަވާލުކޮށްފައިވަނީ ދެ ކުންފުންޏަކާއެކެވެ. އެއީ އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެވެ.
އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމުގެ މަސައްކަތް ކުރުމަށެވެ.
އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ، އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާއްމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ. މީގެ ތެރޭގައި ރަސްފަންނު ބޭނުންކުރާ ފަރާތްތައް ބޭނުންކުރުމަށް ފާހަނާ ބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.
ރަސްފަންނާއި ސަލްޓަންޕާކު މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް، މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދެ ތަންވެސް މިހާރަށްވުރެ ފުރިހަމައަށް ތަރައްގީ ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތު ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ރަސްފަންނު ހުޅުވާފައި ވަނީ 2016 ވަނަ އަހަރުއެވެ. އޭރު ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ.
ރަސްފަންނަކީ ގިނަ ބަޔަކު ބޭނުންކުރާ ސަރަހައްދަކަށްވުމުން، މިތަން ތަރައްގީ ކުރުމާއެކު އެތަން ބޭނުން ކުރާ މީހުންނަށް ހިތްފަސޭހަ މާހައުލަކާއެކު، ބޭނުންވާ މުހިންމު ވަސީލަތްތައް ވެސް ގާއިމްކުރެވިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު