މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދިޔަ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަސައްކަތުގެ ދަށުން 132 މީޓަރުގެ ސަރަހެއްގެ ޝީޓްޕައިލް ކޮށްފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ޝީޓްޕައިލް މަސައްކަތް ނިމުމާއެކު ދެން ކުރިއަށްދާނީ މަގު ފުޅާކުރާ ސަރަޙައްދަށް ވެލި އަޅައި، އެ ސަރަޙައްދު ހިއްކުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް އެއްކޮށް ނިމޭއިރު، ދުއްވާ މީހުންނަށް ޚާއްސަ 4 ލޭނާއި، ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭނެއެވެ. މި މަޝްރޫޢަކީ މާލޭގެ މަގުމަތީގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް އެމްޓީސީސީން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު