ރަށްރަށުގެ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ފައިސާގެ ފިސްކަލް ފޯރމިއުލާ މުރާޖާކޮށް ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިރޭ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށެވެ.
އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދެއްނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެފަދަ ރަށްތަކުގެ ކައުންސިލްތަކަށް ގެއްލުންވާތީ ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު އެ ބަދަލާ އެކު ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާ)ގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ ގައިވާ ގޮތުން އާބާދީ…
— Dr Mohamed Muizzu (@MMuizzu) September 5, 2025
ކައުންސިލްތަކަށް ހިލޭ އެހީ ދޭއިރު ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރައްވަން ރައީސް ނިންމަވާފައިވާއިރު، ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލުތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަދި އާމްދަނީގެ ގޮތުގައި އިތުރަށް ފައިސާ ލިބޭނެ ގޮތްތައް ފަހިކޮށް ދެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.
އެގޮތުން ކ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މައި ސަރުކާރުގެ ބަޖެޓުން ލިބޭ ކުޑައެތިކޮޅެއް ކައުންސިލުތަކަށް ދީގެން ކަންކަން ކުރާ އުސޫލު ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ މުޅި ރާއްޖޭއަށް ލިބޭ އާމްދަނީގެ ތެރެއިން ބައެއް ކައުންސިލުތަކަށް ވެސް ޖަމާވާގޮތަށް ހެދުމަށްކަން ފާހަގަކުރެއްވިއެވެ.
މިހާރު ލިބޭ ބްލޮކް ގްރާންޓުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ ފަސް އިންސައްތައަކީ ވެސް އެ ކޮމިޓީން ހިންގާ ހަރަކާތްތައް ހިންގުމަށް އެކަނި ހާއްސަކުރެވޭ ފައިސާކަމުގައި ކަނޑައެޅުއްވުމަށް މަސައްކަތްކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމަށް ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ މިރޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރެއްވުމަށް ވެސް ނިންމަވާފައެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މީގެކުރިން ކައުންސިލްގެ ބަޖެޓުން ދެމުންދިޔަ %5 ދެގުނަ ބޮޑުކޮށް، %10 އަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު