ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އިޢުލާނު ކުރައްވައިފިއެވެ. އެ އިދާރާގެ ކައުންޓަރު ޚިދުމަތް ދޭ ތަން އަންނަ އާދީއްތަ ދުވަހުން ފެށިގެން ބަދަލުވާނެ ކަމަށެވެ.
މިހާތަނަށް އެންސްޕާގެ ޚިދުމަތްތައް ފޯރުކޮށްދެމުން އައީ މޫކައި ސުއިޓްސްގައެވެ. ނަމަވެސް، އާދީއްތަ ދުވަހުން ފެށިގެން އެންސްޕާގެ ކައުންޓަރު ޚިދުމަތްތައް ލިބިވަޑައިގަގަންނަވާނީ މާފަންނު އުތުރުވެހީގެ ހަވަނަ ފަންގިފިލާއިންނެވެ.
2008 ވަނަ އަހަރުގެ އޮގަސްޓު 27 ވަނަ ދުވަހު އުފެދުނު އެންސްޕާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:
- ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގައި ބެލެހެއްޓުން
- އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވައި ހިންގުން
- ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ޙަވާލުކުރެވިފައިވާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން
އެންސްޕާއިން ކުރިއަށްގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ:
- ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް
- ނިކަމެތި ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް
- ނިކަމެތި ޙާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ އެހީގެ ޕްރޮގްރާމް
- ނިކަމެތި ޙާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް
- އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމް


ކިޔުންތެރިންގެ ހިޔާލު