އެހެން އަހަރުތަކުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މި ފަހަރު ރާއްޖެ އަށް ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން އިއްޔެ ވަނީ މި ސެޕްޓެމްބަރު މަހު ރާއްޖެ އަށް ވާރޭ ވެހޭނެ ވަރާއި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވޭ ވަރު އާންމުކޮށްފައެވެ.
އެ އޮފީހުން ލަފާކުރާ ގޮތުގައި، މި ފަހަރު ރާއްޖެ އަށް ވާރޭ ވެހޭ ވަރު އެހެން އަހަރުތަކުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު، އާދަޔާ ހިލާފަށް މަދުވާނެ އެވެ. އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ހުރި ނަމަވެސް ދެކުނު ހިސާބުތަކަށް އާދަޔާ ހިލާފަށް މަތި ވާނެ ކަމަށް ލަފާކުރެވެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ރާއްޖޭގެ އުތުރުގެ ހިސާބުތައް ފިޔަވައި އެހެން ސަރަހައްދުތަކަށް ވާރޭ ވެހުނު ވަރު ވަރަށް ބޮޑަށް މަދުވި ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.
Rainfall and Temperature outlook for September. pic.twitter.com/U1xcSnjdUa
— Maldives Meteorology (@MetMaldives) September 3, 2025
އާންމުކޮށް ވާރޭ ވެހޭ ވަރު އަންދާޒާކުރަނީ ދިގު މުއްދަތުގެ ރެެކޯޑްތަކަށް ބަލައިގެންނެވެ. މެޓް އޮފީހުން މި އަންދާޒާ ނެރެފައި ވަނީ 1991-2020 ވަނަ އަހަރާ ދެމެދު ސެޕްޓެމްބަރު މަހު ރާއްޖެއަށް ވިއްސާރަ ކޮށްފައިވާ ރެކޯޑްތަަކަށް ބަލައިގެންނެވެ.
އެ ރެކޯޑުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު މަހު ވާރޭ ވެހޭ ވަރު އެންމެ ބޮޑަށް މަދުވެފައި ވަނީ ދެކުނުގެ ހިސާބުތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު