އެސްޓީއޯގެ ހިއްސާދާރުންގެ ކަންބޮޑުވުން އޮތް ސިޓީ ހޮޓަލް 20 މިލިއަން ޑޮލަރަށް އަގުކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމަކަށް ބަދަލުކޮށްފިއެވެ.
އެސްޓީއޯއިން ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހޮޓަލް، އެޗްޑީސީއާއެކު 20 މިލިއަން ޑޮލަރަށް އަގުކޮށް އެއްބަސްވުމަށް ފަހު، ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ދެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ ނިމިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގައި ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
އެސްޓީއޯއިން ވިދާޅުވީ އެ މުއާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، 2025 ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމެނޭނެ ކަމަށެވެ.
ސިޓީ ހޮޓަލުގެ ވާހަކަ އިއުލާނުކޮށްފައި ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝާ އޮބްލިގޭޝަންސް އޮފް އިޝުއާޒްގެ (ސީޑީއޯއައި) ރެގިއުލޭޝަންގެ ދަށުން ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކަން ކުންފުނީގެ ހިއްސާދާރުންނާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށް ޓަކައި އަންގާ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
2017 ވަނަ އަހަރު އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި ހަދަން ފެށި ޓޫރިސްޓް ހޮޓަލުގެ މަސައްކަތުން އެސްޓީއޯއަށް ބޮޑު ގެއްލުމެއް ވަނީ ވެފައެވެ.
އެ އިމާރާތަކީ އެސްޓީއޯ އިން ތެލާއި، ކާޑާއި އަދި އެހެނިހެން ތަކެތި އިމްޕޯޓް ކުރުމަށް ބޭނުންވާ ޑޮލަރު ހޯދުމުގެ ނިޔަތުގައި 2007 ވަނަ އަހަރު ހުޅުމާލޭ ފޭސް އެކަކުން ހޯދި ބިމެއްގައި އެޅި އިމާރާތެކެވެ. 2011 ވަނަ އަހަރު އެމެރިކާގެ ކާލްސަން ގްރޫޕާއިއެކު ޕާޓްނާޝިޕެއް އުފައްދައި އަދި 34 މިލިއަން ޑޮލަރު ހަރަދު ކޮށްގެން 250 ކޮޓަރި ހިމެނޭ ގޮތަށް “ރެޑިސަން ބްލޫ ހޮޓެލް”ގެ ނަމުގައި އެތަން ތަރައްގީކުރަން ފެށި ނަމަވެސް އެކި މައްސަލަތައް ކުރިމަތިވެ އެންމެ ފަހުން އެ ހޮޓާ ވިއްކާލަން 2018 ގައި އެސްޓީއޯއިން ނިންމިއެވެ.
ނަމަވެސް މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ އަހަރީ ޖަލްސާގައި އެ ކުންފުނީގެ ވިޝަންއާ ނުގުޅޭ ވިޔަފާރިތައް ހުއްޓާލަން ނިންމުމާ ގުޅިގެން، ފާއިތުވި އެއްވެސް ވެރިކަމެއްގައި ބެނުން ނުކޮށް ހަލާކުވާން 17 އަހަރު ވަންދެން ދޫކޮށްލާފައިވާ 34 މިލިއަން ޑޮލަރުގެ އިމާރާތް ބޭނުން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އެ އިމާރާތް އެހެން ކަންކަމަށް ހާއްސަކޮށް އެތަނުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް އަދި ގައުމިއްޔަތު އިންސްޓިޓިއުޓްގެ އިތުރުން އެމްއެންޔޫ މެޑިކަލް ކޮލެޖް ތަރައްގީކުރާނެއެވެ. އެތަންތަން އެއްކޮށް ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 6 މަސް ދުވަހުގެ ތެރޭގައެވެ.
ހޮޓަލްގެ ބާކީ ބައިގައި ފަސް ތަރި ސްޓޭންޑާޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ.


ކިޔުންތެރިންގެ ހިޔާލު