ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަދީއްތައަށް ހަަމަވާނެކަމަށް އެ ބޭންކް އިން ވިދާޅުވެއްޖެއެވެ.
ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި އަހަރުގެ ސްޓާޓަޕް ގްރާންޓުން ތިން ވިޔަފާރިއަކަށް ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައެވެ. އެހެން އަހަރުތަކުގައި ސްޓާޓަޕް ގްރާންޓް މެދުވެރިކޮށް އެހީ ދެމުން އައިސްފައިވަނީ ދެ ވިޔަފާރިއަކަށެވެ.
އެ ބޭންކް އިން ވިދާޅުވީ، ސްޓާޓަޕް ގްރާންޓް ހާސިލުކުރާ ކޮންމެ ފަރާތަކަށް 500،000 ރުފިޔާގެ ހިލޭ އެހީގެ އިތުރުން، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ބޭނުންވާ ލަފާ ބޭންކުން ފޯރުކޮށްދޭނެ ކަމަށެވެ.
އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
“މި ގްރާންޓުން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދައި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށްހެޔޮ ބަދަލެއް ގެނެސްދޭނެ.”
ސްޓާޓަޕް ގްރާންޓަށް އެދި އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގެކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅަންޖެހޭނެ ކަަމަށްވެސް އެ ބޭންކް އިން ވިދާޅުވެފައި ވެއެވެ.
ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ 2022 ވަނަ އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު