ޖާވާކަރަ އައިލެންޑްސް މޯލްޑިވްސްގައި މެރިން ރިސާޗް ސެންޓަރެއް އިއްޔެ ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އާއި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމެވެ.
ޖާވާކަރައަކީ ރާއްޖޭގައި އުއްޗުގެ ހިއްސާ އޮންނަ 11 ރިސޯޓުގެ ތެރެއިން ރިސޯޓެކެވެ.
މި ސެންޓަރުގައި މެރިން ދާއިރާއާ ގުޅޭ ކަންކަން ދިރާސާކުރުމަށް ލެބޯޓަރީތައް ވަނީ ގާއިމުކޮށްފައެވެ. ކަރަންޓީނު ފެސިލިޓީތަކާއި ކިޔަވައިދޭނެ ކުލާސްރޫމެއް ގާއިމުކޮށްފައިވާއިރު، ވެލާ ބެލެހެއްޓޭ ގޮތަށް އިންސްޓިއުޓެއް ވަނީ ހަދާފައެވެ.
Minister @Thoriqibrahim inaugurated the Marine Research Center in Jawakara Islands Maldives. This facility will provide Maldivians opportunities to conduct research related to the atoll ecosystem and conservation. pic.twitter.com/mDuiyUaikt
— Ministry of Tourism and Environment (@MoTmv) September 1, 2025
އެގޮތުން، ބަލިވެފައި ހުންނަ ވެލާތައް ބެލެހެއްޓޭ ގޮތަށް ފަރުމާކޮށްފައިވާ މި ސެންޓަރުގައި މެރިން ކަންކަމާ ގުޅޭ ދިރާސާތައް ހެދޭނެއެވެ. މީގެ އިތުރަށް، ފަރުވާ ކުރުމަށް ޚާއްސަ ޑޮކްޓަރުން ވެސް މި ސެންޓަރުގައި ހަރަކާތްތެރިވާނެއެވެ.
އިއްޔެ އެ ސެންޓަރު ހުޅުވިއިރު ވެސް 25 އެއްހާ ޕްރޮފެސަރުން ގުޅިގެން ވަނީ ވޯކްޝޮޕެއް ފަށާފައެވެ.
މި ސެންޓަރަކީ ރާއްޖޭގެ އިތުރަށް ބޭރުގެ އެކި ޔުނިވާސިޓީތަކުގެ ދިރާސާތަކަށް ބޭނުންކުރެވޭނެ ތަނަކަށްވާއިރު، ދިރާސާގެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އެކި ތަމުރީނުތައް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ.
މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ތާރީގުގެ އިތުރުން ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާން ވެސް ބައިވެރިވެލެއްވިއެވެ.
އުއްޗުގެ ހިއްސާ އޮންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ރާއްޖޭގައި 11 ރިސޯޓު ހިންގާއިރު، މި ފަދަ އެކި ކަންކަމަށް މީގެ ކުރިން ވެސް އެހީވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު