ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ ސްޓާޓްއަޕް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގައި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށާއި، އަދި ވިޔަފާރި ފަށާފައިވާތާ އެއް އަހަރު ނުވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.
ބީއެމްއެލްއިން މިފަހަރު ހުޅުވާލާފައިވަނީ އަލަށް ފަށާ ތިން ވިޔަފާރިއަކަށް ސްޓާޓްއަޕް ގްރާންޓް ދިނުމަށެވެ. މިގޮތުން، ކޮންމެ ވިޔަފާރިއަކަށް ފަސްލައްކަ (500،000) ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް، ހިލޭ ދޫކުރާ ފައިސާއެކެވެ. މިއީ ވިޔަފާރިތަކަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކުން އަރައިގަނެ، ފަސޭހަކަމާއެކު ވިޔަފާރި ފެށުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.
ބީއެމްއެލްއިން ވިދާޅުވީ މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 7 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި އެހީ ހޯދުމަށްޓަކައި ވިޔަފާރި ހިޔާލަކާއެކު، ތަފްސީލީ ވިޔަފާރި ޕްރޮޕޯސަލެއް ބީއެމްއެލްއަށް ހުށަހަޅަންޖެހޭނެއެވެ. މި ގްރާންޓް ލިބޭ ވިޔަފާރިތައް ހޮވުމަށް ހާއްސަ އިވެލުއޭޝަން ކޮމެޓީއެއް ބީއެމްއެލްއިން ވަނީ އެކުލަވާލާފައެވެ.
Looking to start or grow your business?
BML Startup Grant is open for applications for this year! 🙌
✨ THREE emerging entrepreneurs have the chance to win MVR 500,000
View details: https://t.co/dpwXJfU3k7 pic.twitter.com/ZwncWtAnB9
— Bank of Maldives (@bankofmaldives) August 31, 2025
ބީއެމްއެލްއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މިއީ ކޮންމެ ދާއިރާއަކުން ވެސް ވިޔަފާރި ފަށަން ބޭނުންވާ އާންމު ފަރުދުންނަށާއި، ރަޖިސްޓްރީ ކުރި ފަހުން އެއް އަހަރުވެފައި ނުވާ ވިޔަފާރިތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. މިގޮތުން، ގްރާންޓްގެ ފައިސާ ލިބުމަށްފަހު، އެއް އަހަރުގެ ތެރޭގައި ވިޔަފާރި ފަށާފައިވުން ނުވަތަ ކުރިއަށްގެންދާން ފަށާފައިވުން މަޖުބޫރެވެ.
ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަށް ހޮވޭ ވިޔަފާރިތަކަށް ބީއެމްއެލްއިން ފޯރުކޮށްދެނީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫނެވެ. މީގެ އިތުރުން ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މުހިންމު މައުލޫމާތުތަކާއި، އިރުޝާދު ދިނުމުގައިވެސް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މިފަދަ ގްރާންޓް ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް އާ ހިތްވަރެއް ދީ، ޒުވާނުންނާއި އާ ވިޔަފާރިވެރިން ބިނާކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. މީގެކުރިންވެސް ބީއެމްއެލްއިން ވަނީ މިފަދަ ސްޓާޓްއަޕް ގްރާންޓްތައް ފޯރުކޮށްދީފައެވެ. އަދި މި ގްރާންޓްތަކުން ފަށާފައިވާ ގިނަ ވިޔަފާރިތައް މިހާރު ކާމިޔާބުކަމާއެކު ދަނީ ކުރިއަށެވެ. ބީއެމްއެލްއިން އުންމީދުކުރަނީ މިފަހަރުގެ ގްރާންޓްތަކުންވެސް ރާއްޖޭގެ ވިޔަފާރި ދާއިރާއަށް އާ އުފެއްދުންތެރި ހިޔާލުތަކާއި ކާމިޔާބު ވިޔަފާރިތަކެއް ތައާރަފްވެގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު