ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ވަނީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެ، ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުން އެކަމަށް ޝުކުރު ދަންނަވައިފައެވެ. ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ޗަައިނާގެ ރައީސް ޝީ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެވަނަ ފަހަރަށް ޗައިނާ އަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި ޗައިނާ ރައީސް ޝީ ދެއްވި ހޫނު މަރުހަބާ އަދި މެހްމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް ޑރ. މުއިއްޒާއި ޗައިނާގެ ރައީސް ބޭއްވެވި ބައްދަލު ކުރެއްވުމުގައި އިގްތިސާދީ ތަރައްގީ އާއި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް މުހިންމު ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށެވެ.

ރައީސް ޝީ ޖިންޕިން ވަނީ ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ޗައިނާއިން ވައުދުވެފައިވާކަން ކަށަވަރުކޮށް ދެއްވައި މި ގުޅުން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފައެވެ. އަދި ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް (2024–2028) ގެ ދަށުން ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރަން ދެ ލީޑަރުން ވެސް އެއްބަސްވެވަޑައިގަތް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އެސްސީއޯ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު، ޗައިނާއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. ރައީސް މުއިއްޒު ޗައިނާގެ ވެރިރަށް ބެއިޖިން އަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ޗައިނާގެ އިމަޖެންސީ މެނޭޖުމަންޓް މިނިސްޓަރު ވޮންގް ޝިއަންޝީގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. ފަޒީލް ނަޖީބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކޮންގް ޝިންހުއާއެވެ.

އެމަނިކުފާނު ޗައިނާއަށް ވަޑައިގަތުމުން އެއާޕޯޓުން ރަސްމީ އިއްޒަތް އަރުވައި، ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި ޝީގެ އިތުރުން އެހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ރައީސް ބައްދަލު ކުރައްވާނެއެވެ. އެސްސީއޯ ސަމިޓުގައި ރައީސް މުއިިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް 26 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.
ރައީސް މުއިއްޒު އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެ ދަތުރުފުޅަށް ފަހު، ރާއްޖެ އާއި ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. އެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާ އާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު