ޢަބްދުއްރަޙީމް މަޖިލީސް އިންތިޚާބުގައި ވާދަކުރަނީ!

11 months ago

އަޙްމަދް އަޙްނަފް

ޢަބްދުއްރަޙީމް ޢަބްދުﷲ، އަދުރޭ، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާ އެކަން އިޢުލާނު ކުރައްވައިފިއެވެ.

ފޭސްބުކްގައި ޢަބްދުއްރަޙީމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ޢަބްދުއްރަޙީމް ވަނީ އެ ދާއިރާގެ ރައްޔިތުންގެ ތާޢީދު ދެއްވުމަށް އެދިވަޑައިގަންނަވައިފައެވެ.

ޢަބްދުއްރަޙީމް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިކަން ފާހަގަ ކުރެވެއެވެ.

އެމްޑީޕީ ކޯލިޝަން ސަރުކާރުގެ 5 އަހަރުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އޭރުގެ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގިނަ ދުވަސްތަކުގައި ޖަލުބަންދުގައި ހުންނެވިއިރު، ޢަބްދުއްރަޙީމް ވަނީ އެ ކޯލިޝަން ހިންގެވުމާއި ހަވާލުވެވަޑައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައިކަން ފާހަގަ ކުރެވެއެވެ. އަދި ޢަބްދުއްރަޙީމްގެ ބެލެހެއްޓުމުގެ ދަށުން އެ ކޯލިޝަނުން ވަނީ މިއަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައިކަން ފާހަގަ ކުރެވެއެވެ.

އެއަށްފަހު ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު އެކުލަވާލުމަށްޓަކައި، ޤާނޫނުގައިވާ ގޮތުގެމަތީން އެކުލަވާލި އިންތިޤާލީ ކޮމިޓީގެ އެންމެ އިސްމަޤާމު ކަމުގައިވާ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސްސިޝަންގެ މަޤާމް އަދާކުރެއްވީ ވެސް ޢަބްދުއްރަޙީމް ކަން ފާހަގަ ކުރެވެއެވެ.

ފާއިތުވި 5 އަހަރު އިދިކޮޅު ޕާޓީގެ ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ޙަރަކާތްތައް ވަރުގަދަ ކުރައްވާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި ބަދަހިކަމާއިއެކު އެ ކޯލިޝަނުން ހޯދާފައިވާ ކާމިޔާބީތަކަށްޓަކައި ގިނަބަޔަކު ވަނީ ޢަބްދުއްރަޙީމްއަށް ތަޢުރީފް ކޮށްފައިކަން ފާހަގަ ކުރެވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީއިން ވާދަކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ ބާއްވަން އެ ކޯލިޝަނުން ނިންމާފައި ވަނީ މި ޑިސެމްބަރު މަހުގެ 23 ގައި ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު