ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއް ބާނީ އަދި ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަން، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ކޮލިގޭ މުޙައްމަދު ޢުމަރު މަނިކު (އެމް.ޔޫ. މަނިކު) މިއަދު ހެނދުނު އދުނު އަވަހާރަވެއްޖެއެވެ. 78 އަހަރުގެ ޢުމުރުފުޅުގައި އެމް.ޔޫ. މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ވަރަށް ދުވަސްވެފައިވާ އާލާސްކަންފުޅެއްގެ ފަރުވާގައި ހުންނެވި އެމްޔޫ މަނިކުގެ ހާލުކޮޅު ވަރަށް ގޯސްވެފައިވަނިކޮށް، މިއަދު ފަތިހު ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އޭނާ އަވަހާރަވީއެވެ. ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އަގުނުކުރެވޭނެ ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ އަވަހާރަވުމަކީ ގައުމަށް ލިބުނު ބޮޑު ހިތާމައެކެވެ.
ޔުނިވާސަލް އެންޓަޕްރައިސަސް ލިމިޓެޑްގެ ޗެއާމަންގެ ހައިސިއްޔަތުން އެމްޔޫ މަނިކުވަނީ، ރާއްޖެއާއި ޔޫރަޕް ގުޅުވުމުގެ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ފަހަރަށް ޖަރުމަނުގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ތައާރަފުކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެމަނިކުގެ ދުރުވިސްނިވަޑައިގަތުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ އާ ދޮރުތަކެއް ހުޅުވައިލެވިފައެވެ.
އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފައްޓަވައިދެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެކެވެ. އޭނާ އަކީ ޓޫރިޒަމް ދާއިރާގެ ރިސޯޓުތައް ތަމްސީލްކުރާ އެސޯސިއޭޝަން، މަޓީގެ ކޯ ފައުންޑަރެކެވެ. މަޓީގެ ޗެއާމަންގެ މަގާމުގައި ހުންނަވައިގެން، އޭނާވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރުމަށާއި ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އޭނާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާމަންގެ މަގާމަށް އައްޔަންކުރެއްވީ ޖޫން 2013ގައެވެ. ނަމަވެސް 2024 ވަނަ އަހަރު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއަށް އެމްޔޫ މަނިކު ކުރެއްވި އަގުނުކުރެވޭނެ ޚިދުމަތްތަކުގެ އަގުވަނީ ގައުމީ ފެންވަރުގައި ވަޒަންކުރެވިފައެވެ. އޭނާއަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މި ރޮނގުން ޝަރަފުވެރި ކަމުގެ އިނާމު 2002 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އޭގެއިތުރުން، މިނިވަން 25ގެ އާންމު ޚިދުމަތުގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ. އެމަނިކުގެ އަވަހާރަވުމަކީ ދިވެހި ގައުމަށް ލިބުނު ފޫބައްދަން ދަތި ބޮޑު ހިތާމައެކެވެ.


ކިޔުންތެރިންގެ ހިޔާލު