ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ގދ. ފިޔޯރީ ދެކުނުން 12.5 މޭލު ބޭރުގައި މިއަދު އައު ދޮށީ ކަނދުފަތި ގާއިމްކޮށްފިއެވެ.
މިކަމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ކަނދުފަތީގެ ނަންބަރަކީ Q09D01-01އެވެ. މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 0°00.059’N އާއި 73°06.026’E އެވެ.
މި ދޮށީ ކަނދުފަތި ގާއިމްކުރުމުގެ އެންމެ ބޮޑު މަގްސަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. ހާއްސަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް މި ކަނދުފަތިން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް މަސްވެރިން ބުނެއެވެ. ސަރުކާރުގެ މަސްވެރިކަން ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މިފަދަ މަސައްކަތްތަކަކީ ރާއްޖޭގެ އިގްތިސާދަށް ވެސް ފައިދާކުރާނެ ކަންކަމެވެ.
މިފަދަ ކަނދުފަތިތައް ގާއިމްކުރުމަކީ ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ މުހިންމު ބައެކެވެ. މީގެ ކުރިންވެސް ގދ. ތިނަދޫ، ގދ. ދާންދޫ، ގއ. ގެމަނަފުށި އަދި ފުވައްމުލަކު ސަރަހައްދުގައި ދޮށީ ކަނދުފަތިތައް ގާއިމްކޮށްފައިވެއެވެ.
މި ހިނގާ އޮގަސްޓު މަހު ދ. ކުޑަހުވަދޫ ސަރަޙައްދުގައި، ދ. މާފުށީގެ ހުޅަނގު ދެކުނުން 6 ނޯޓިކަލް މޭލު ބޭރުގައި ވަދު ކަނދުފައްޗެއް، ގއ.ދިގުދޫގެ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް، ގއ.ފުޅަނގީގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް އަދި ގއ. މެލައިމުގު ހުޅަނގުން 5 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް ވަނީ ގާއިމުކޮށްފައެވެ.
ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫއެއް މި ސަރުކާރުން ވަނީ ފަށާފައެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރު ކަނދުފަތިތައް ގާއިމްކުރުމަށް ވެސް ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ދިވެހި މަސްވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، ދިވެހިރާއްޖޭގެ މަސްވެރިކަން ދުނިޔޭގެ ފެންވަރަށް ގެނައުމަށް މަގުފަހިވެގެންދާނެއެވެ.
ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫއެއް މަސްވެރިކަމާއި ބެހޭ މުޒާރާއިން ވަނީ ފަށާފައެވެ. އަދި ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކުރުމަށްޓަކައި، ކަނދުފަތި ތައްޔާރުކުރާ އިތުރު ސެންޓަރުތަކެއް ދިވެހިރާއްޖޭގެ ދެ ސަރަޙައްދެއްގައި ގާއިމުކުރުމަށް ވަނީ ކަނޑައަޅައިފައެވެ. މިގޮތުން ގާއިމުކުރާ ފުރަތަމަ ސެންޓަރު ށ.ފުނަދޫގައި ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު