Advertisement

މީޑިއާ ބިލް މަޖިލީހުން ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު މީޑިއާތައް ރެގިއުލޭޓް ކުރަން ވަކި ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ބަލައިގަނެ ދިރާސާކުރަން މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މަޖިލީގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި މި ބިލަށް ބަހުސް ކުރަމުން ދިޔައިރު، މަޖިލިސް އިދާރާގެ ބޭރުގައި ނޫސްވެރިން ދިޔައީ މުޒާހަރާކުރަމުންނެވެ. މި ބިލާ ގުޅޭގޮތުން ބަހުސްކުރި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި މި ބިލަކީ މީޑިއާގެ ބާރު ކަނޑުވާލާ މިނިވަން ނޫސްވެރިކަން ނައްތާލާނެ ބިލެއް ކަމަށެވެ.

Advertisement

ނަމަވެސް ޕީއެންސީގެ މެންބަރުން ވިދާޅުވީ މި ބިލުގެ ސަބަބުން އެއްވެސް ނޫސްވެރިޔަކަށް ނުވަތަ މީޑިއާއެއްގެ އެއްވެސް ކުށެއްނެތި އަދަބު ދެވޭ ގޮތަށް ބިލުގައި ހިމެނިފައި ނުވާ ކަމަށާއި މި ބިލުގެ ސަބަބުން ނޫސްވެރިކަމަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

ބިލުގެ ބަހުސް ކުރިޔަށްދިޔައިރު، މަޖިލީހުގެ ތަޅުމުގައިވެސް އިދިކޮޅު މެންބަރުން ދިޔައީ އިހުތިޖާޖު ކުރައްވައި އެ ބިލް ބޭރުކޮށްލުމަށް ގޮވާލައްވަމުންނެވެ. މި ބިލް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުން ވޯޓު ދެއްވީ ބިލް ބަލައިގަތުމަށެވެ. އަދި 12 މެމްބަރުން ވޯޓު ދެއްވީ ބިލް ބޭރު ކުރުމަށެވެ.

އެހެންކަމުން މި ބިލް މިވަނީ މަޖިލީހުން ބަލައިގަނެ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި މަޖިލީހަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މީގެ ކުރިން ވެސް މިފަދަ ބިލެއް ހުށަހެޅުއްވީ އަބްދުލްހަންނާނެވެ. ނަމަވެސް ބިލް ވަނީ އަނބުރާ ގެންދަވައިފައެވެ.

ބިލުގައި، މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވެސް ވަނީ ހިމަނާފައެވެ. އެ ބިލުގައިވާ ގޮތުން، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭނެ އުސޫލުތަކެއް ހިމެނެއެވެ. ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

ވަކިން ޚާއްސަކޮށް ކޮމިޝަނުން މީޑިއާއެއްގެ މައްޗަށް ބަލާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ބަލާ ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭ ގޮތް ވަނީ ހަދައިފައެވެ. އަދި ފަހުން، އެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދިޔުމަށްފަހު، އެ ނޫހެއްގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތެރެއިން އެ ނޫހެއްގެ ވެބްސައިޓް ބްލޮކްކޮށް، ނުވަތަ ޓީވީއެއް ނަމަ ބްރޯޑްކާސްޓިން ހުއްޓުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި