Advertisement

މަކުނުދޫ އެއާޕޯޓަކީ ރަށުގެ އިގްތިސޯދީ ތަރައްގީ އެހެން ހަރުފަތަކަށް ގެންދިއުމަށް މުހިންމު ވަސީލަތެއް- ރައީސް

ހދ. މަކުނުދޫގައި އަޅާ އެއާޕޯޓު ވެގެންދާނީ ރަށުގެ އިގްތިސޯދީ ތަރައްގީ އެހެން ހަރުފަތަކަށް ގެންދިއުމަށް ރަށުގެ ރައްޔިތުންނަށް ލިބޭނެ މުހިންމު ވަސީލަތެއް ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަކުނުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަކުނުދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަމުގައި އެންމެ މުހިންމު ކަމަކީ އެއާޕޯޓްގެ މަސައްކަތް ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވެސް އަދި ފަހުން ވެސް ވީ އެންމެ ބޮޑު ވައުދަކީ އެ މަޝްރޫއު ކުރިއަށް ގެންދިއުުން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ، މަކުނުދޫއަކީ ރާއްޖޭގައި ރަށްތައް ބެހިފައި އޮންނަ ގޮތަށް ބަލާއިރު، ވަރަށް އެކަހެރިކޮށް ހުޅަގަށް އެންމެ ވަކިން އޮންނަ ރަށް ކަމަށެވެ. އަދި އެރަށަކީ ދަތުރުފަތުރުކުރުމުގައި އެންމެ އުދަނގޫ އެއް ހިސާބު ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދުރުރާސްތާއަށް ދެމެހެއްޓެނެވި ތަރައްގީގެ ސިޔާސަތުން ބަލާއިރު، މަކުނުދޫގައި އެއާޕޯޓެއް ގާއިމްކުރުމަކީ ޒަރޫރީ ކަމެއް ކަމަށާއި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

“އެހެންވީމަ އެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް. އަދި އޭގެ ސަބަބުން ދަތުރުފަތުރުކުރުމަށް ލިބޭ ކުރިއެރުމުގެ ސަބަބުން މަކުނުދޫގައި އިގްތިސޯދީ ތަރައްގީ އެހެން ހަރުފަތަކަށް ގެންދިއުމަށް ރައްޔިތުންނަށް ލިބޭނެ ވަރަށް މުހިންމު ވަސީލަތަކަށްވެ ވަރަށް މުހިންމު ދޮރާއްޓަކަށް އެއާޕޯޓް ވާނެ.” ރައީސް ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާއިރު، ވައުދުވެފައިވާ ގޮތަށް އެމްޓީސީސީއާއި ހަވާލުކުރި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެ ކަންކަމަކީ 1800 މީޓަރަށް ރަންވޭ އޮންނަ ވަރަށް ބިން ހިއްކުމާއި އަދި ގެދޮރު އެޅުމާއި އެހެނިހެން ބޭނުންތަކަށް ރަށަށް ބޭނުންވާނެ ބިން އިތުރުކުރުމާއިއެކު އެއާޕޯޓްގެ ހުރިހާ އިންފްރާސްޓަރަކްޗާއެއް ގާއިމްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިއަދު ސޮއިކުރި މަޝްރޫއު ނިމިގެންދާއިރު، އެ ހުރިހާކަމެއް ފުރިހަމަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެގޮތުން ބަލާއިރު، ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިން ހިއްކޭނެ. އަދި އެއާޕޯޓްގެ ހުރިހާ ކަމެއް ފުރިހަމަވާނެ. އެހެންވީމަ ވަރަށް ބޮޑު އިސްކަމެއް ދީގެ މި މަޝްރޫއު ކުރިއަށްދާނެ. އަދި އެ މަޝްރޫއު ކުރިއަށްދާއިރު އެކަމާ ދެން ހަވާލުވާނެ އެމްއޭސީއެލް އެއާޕޯޓް އޮޕަރޭޓްކުރުމަށް. އެހެންވީމަ އެމްއޭސީއެލްގެ ފަރާތުން މިހާރުން ފެށިގެން އެމްޓީސީސީއާއި ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަން ފަށާނެ. އެންމެ އިސްކަމެއް ދޭނީ ބާރުމިނުގައި މި މަޝްރޫއުކުރިއަށް ގެންދިއުމަށް. ސަރުކާރުގެ ތެރެއިން އެންމެ އިސްކަމެއްދީގެން ހުރިހާ ކަމެއް ނިންމަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަޝްރޫއު ވަރަށް ކާމިޔާބުކަމާ އަދި ހަލުވި ކަމާއެކު ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އަދި ދެން އެމަނިކުފާނު މަކުނުދޫއަށް ވަޑައިގަންނަވާނީ އެއާޕޯޓް ހުޅުވައިދެއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް