ކުރިން ކޮންމެ ވަގުތެއްގައިވެސް ސްކޫލް ބަދަލު ކުރެވޭ ގޮތަށް އޮންނަ އުސޫލު ބަދަލުކޮށް، ދިރާސީ އަހަރެއްގައި ދެ ފަހަރަށް ދަރިވަރުންނަށް ސްކޫލް ބަދަލު ކުރެވޭ ގޮތަށް ތައުލީމީ ވުޒާރާއިން އުސޫލަށް ބަދަލު ގެނެސްފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް ވަޒީރު ޑރ. އަހްމަދު މުހައްމަދު ވިދާޅުވީ، 2026 ދިރާސީ އަހަރުގައި ދަރިވަރުން ސްކޫލްތަކަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރުމުގައި އެންމެ ފަހުން އާއްމު ކުރި އުސޫލަށް ގެނެވުނު ބަދަލާއެކު މިހާރު ނިންމާފައި ވަނީ އާއްމު ހާލާތުގައި ދަރިވަރުން ސްކޫލްތަކަށް ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރެވޭނީ މީގެ ފަހުން އަހަރަކު ދެ ފަހަރު ކަމަށެވެ.
“އެގޮތުން އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނެ ދިރާސީ އަހަރު ފެށެން ވާއިރަށް ކުއްޖަކު ސްކޫލް ބަދަލު ކުރަން ބޭނުންވާ ކަމަށްވަންޏާމުން ހިނގަމުން މިދާ އަހަރުގެ ދެވަނަ ޓާމް ނިމުމުގެ އެއް މަސް ދުވަސް ކުރިން ޖެހޭނެ ހުށަހަޅަން، އެ ވުޒާރާއިން އެކަމަށް ވަގުތު ޕީރިއަޑެއް މި އޮންނަނީ ކަނޑައަޅާފައި، އަދި ދެވަނަ ޓާމު ކުއްޖަކު ސްކޫލް ބަދަލު ކުރަން ބޭނުންވެއްޖެ ހާލަތެއްގައި އެ ކުއްޖަކު ފުރަތަމަ ޓާމް ނިމުމުގެ އެއްމަސް ދުވަހުގެ ކުރިން އަޅުގަނޑުމެން ދޭ ޕީރިއަޑެއްގެ ތެރޭގައި، ވިންޑޯއެއްގެ ތެރޭގައި އެ މަސައްކަތް ކޮށް ހުށަހަޅަން ޖެހޭ،”. އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިގޮތަށް ހެދުމުގައި ވަރަށް ގިނަ ސަބަބުތަކެއްވާ ކަމަށާއި، މިއީ ދަރިވަރުގެ އުނގެނުމާއި އެއް ސްކޫލް އަނެއް ސްކޫލަށް ބަދަލުވާއިރު، އެކުގައި ކިޔަވާ ކުއްޖާ އާއި މާހައުލު ބަދަލުވުން ފަދަ މައްސަލަތައް ދިމާވުން ފަދަ ކަންކަން ހުރުމުން ގެނައި ބަދަލެއް ކަމަށެވެ.
އަދި މި ބަދަލު ގެނައީ ދިރާސީ އަހަރެއްގައި ގިނަފަހަރަށް ސްކޫލް ބަދަލު ކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެ ތީ ކަމަށެވެ.
“ހުންނާނާނެ ވަަރަށް ހައްސާސް ހާލަތްތައް ހާއްސަ ހާލަތްތައް، މެޑިކަލް ކޮންޑިޝަންތައް ދިމާވެގެން، ވަކި ކަހަލަ ހާއްސަ ހާލަތެއްގައި އައިސިއްޔާ އެކަހަލަ ހާލަތުގައި ބަލާފައި ކޭސް ބައި ކޭސް ގެންނަން ޖެހޭ ބަދަލު ގެންނާނެ،”.
މިގޮތުން 2026ގެ ދިރާސީ ކަލަންޑަރުގައިވާގޮތުން ސްކޫލް ޓްރާންސްފާ ޕީރިއަޑެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 17 މެއި އިން 15 ޖޫނަށެވެ. ދެވަނަ ޓްރާންސްފާ ޕީރިއަޑެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 18 އޮކްޓޯބަރުން 17 ނޮވެމްބަރަށެވެ.
އަހްމަދު ވިދާޅުވީ، ރާއްޖޭގައި ސްކޫލްތަކަށް ކުދިން ވަނުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމުގައި އޮތް ސަގާފަތަކީ އެންމެ ހިތްގައިމު ސަގާފަތެއް ނޫން ކަަމަށެވެ.
“ހާއްސަ ގޮތެއްގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މާލެ ސިޓީ ކަހަލަ ތަންތަނުގައި ވަރަށް ފަސޭހަަކަމާއެކު އަހަރުގެ ކޮންމެ ވަގުތެއްގައި ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަަދަލުވާން ބޭނުންވާކަން، ބައެއް ބެލެެނެވެރިން އެބަ ރިކުއެސްޓް ކުރައްވާ އެއް ކުއްޖަކު ދިރާސީ އަހަރުގެ ތެރޭގައި ތިން ފަހަރަށް ސްކޫލް ބަދަލު ކުރަން،”.
އަހްމަދު ވިދާޅުވީ، މިއީ ދަރިވަރެއްގެ އުނގަނުމަށް ބަލާ ކަމުގައިވަނީނަމަ އެންމެ ރަނގަޅު ގޮތެއް ނޫން ކަަމަށެވެ. އަދި މިއީ ދަރިވަރަށް ވެސް އެންމެ ހެޔޮ ގޮތެއް ނޫން ކަަމަށްވެސް އަހްމަދު ވިދާޅުވިއެވެ. އޭނާ ވަނީ ސްކޫލް ބަދަލު ކުރުމުގައިވެސް ނިޒާމީ ގޮތެއްގައި ކަންތައްތަކެއް ހަމަ މަގަަށް އެޅެން ޖެހޭކަންވެސް ފާހަގަކުރައްވާފައެވެ.
“އަޅުގަނޑުމެންނަށް ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލާއިރުގައިވެސް ސިންގަޕޫރް ތަންތަނުގައި އަދި އެހެން ގައުމުތަކުގައިވެސް އެ ދިރިއުޅޭ އެޕާޓްމެންޓް ބަދަލު ވެގެން، ދިރިއުޅޭ ގެ ބަދަލު ވެގެން، ކުދިން ދިރާސީ އަހަރުގެ ތެރޭގައި ކޮންމެ ކޮންމެ ވަގުތެއްގައި ސްކޫލް ބަދަލެއް ނުވެވޭ، އެބަ ހުރޭ ފޭސްތަކެއް، ވިންޑޯޓަކެއް ދީފައި، އަހަރުގެ ތެރޭގައި ތިން ވަގުތެއްގައި މިކަހަލަ ގޮތަކަށް،”.


ކިޔުންތެރިންގެ ހިޔާލު