Advertisement

ހަނިމާދު އަށް ބަދަލުކުރާތީ ހިރިމަރަދޫގައި ގޯތީގެ ކަންކަން ނުކުރަން އެދިއްޖެ

ހދ. ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ، ހިރިމަރަދޫގައި މިމަހުގެ 24 ވަނަ ދުވަހުގެ ފަހުން ގޯއްޗާ ގުޅޭ އެއްވެސް ކަމެއް ނުކުރަން ހައުސިން މިނިސްޓްރީން މިއަދު އެދިއްޖެއެވެ.

މިކަންކަން ހުއްޓާލުމަށް އެދިފައިވަނީ، ހިރިމަރަދޫން ހަނިމާދުއަށް ބަދަލުވާ ރައްޔިތުންނަށް ގޯއްޗާއި ގެދޮރު ލިބޭނެކަން ސަރުކާރުން ހާމަކުރުމާ ގުޅިގެންނެވެ.

Advertisement

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު ހެދި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ހިރިމަރަދޫ ރައްޔިތުންނަށް ގެދޮރު އިމާރާތްކުރުމާ ގުޅޭ ތަފްސީލީ ސާވޭތައް ހެދުމާއި މުނިސިޕަލް އިންފްރާސްޓްރަކްޗާ ދެނެގަތުމާއި މުޅި މަޝްރޫއަށް ހިންގާނެ ފުރިހަމަ ހަރަދު ދިރާސާ އާއި ބަޖެޓް ތައްޔާރުކުރުން ހިމެނޭ ކަމަށެވެ.

އެ މަސައްކަތްތައް ނިމުމުން، 18 މަސް ދުވަހުގެ ތެރޭގައި ހިރިމަރަދޫގެ ރައްޔިތުން ހަނިމާދު އަށް ބަދަލުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ހިރިމަރަދޫން ހަނިމާދު އަށް ބަދަލުވާ ރައްޔިތުންގެ ތެރެއިން މިހާރު ގޯތިގެދޮރު ހުރި ކޮންމެ ރައްޔިތަކަށް ހަނިމާދު އަށް އަލަށް ބަދަލުވާ ސަރަހައްދުން ގެ ލިބޭނެ އެވެ. އަދި މިހާރު ގޯތި އޮވެ، އިމާރާތެއް ނެތް ކޮންމެ ރައްޔިތަކަށް ވެސް ގެ ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

”މި ހުރިހާ ފަރާތެއް ހިމެނޭ ގޮތަށް ކުރިއަށްދާ މި މަޝްރޫއުގެ ސަބަބުން ހިރިމަރަދޫން ހަނިމާދު އަށް ބަދަލުވާ އެއްވެސް ރައްޔިތަކަށް ގެދޮރެއް ނެތި ނުތިބޭނެކަން ކަށަވަރުކުރެވޭނެ އެވެ،“ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ، ހިރިމަރަދޫން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ ކަމަށެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް މިހާރު ލިބިފައިވާ ގޯއްޗެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރުމާއި ގޯތި ބައިކުރުމާއި އެއްކުރުން ފަދަ ގޯތީގެ ރަޖިސްޓްރިއަށް ބަދަލު އަންނަ އެއްވެސް ކަމެއް ނުކުރަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަންކަން ހުއްޓާލަން އެދިފައިވަނީ، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވުމުގެ މަސައްކަތްތައް ފަސޭހަކުރުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް