ހުޅުމާލޭގައި ފުލުހުންނަށް ފިލަންވެގެން ދުއްވި ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، 144 ބަނގުރާ ދަޅު ފެނިއްޖެއެވެ.
ފުލުހުން މިއަދު ވިދާޅުވީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕަކަށް ފުލުހުން އަތުން އިޝާރާތްކޮށް އަދި ބަރުގޮނު އަޅައިގެން ވެސް މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި އަދި ޒިގްޒެކްކޮށް އެކި މަގުތަކުން ދުއްވާފައި ގޮސްފައިވާ ކަމަށެވެ.
ފުލުހުން އެ ޕިކަޕު ފަހަތުން ގޮސް ހުއްޓުވައި ޕިކަޕު ދުއްވަންއިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަދި އެ ޕިކަޕު ބަލައި ފާސްކުރިއިރު، 144 ބަނގުރާ ދަޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ފުލުހުން ވިދާޅުވި ގޮތުގައި އިންޑިއާގެ އުމުރުން 28 އަހަރުގެ ރައްޔިތެކެވެ. އެމީހާ ހައްޔަރުކުރީ ބަނގުރާ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު