Advertisement

ހދ. އަތޮޅުގައި ޓޫރިޒަމް ނެތް ލޭބަލް ކަނޑުވާލާނަން: ރައީސް

ހދ. އަތޮޅަކީ ފަތުރުވެރިކަން ނެތް އަތޮޅެއްގެ ގޮތުގައި އޮތް ލޭބަލް ކަނޑުވާލާއި އެ އަތޮޅުގައި ޓޫރިޒަމް ފައްކާކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅުގެ ރަށްތަަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނައިވާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނައިވާދޫއަކީ ވެސް ލޯކަލް ޓޫރިޒަމް މިހާތަނަށް ނުހިންގާ ރަށެއް ކަމަށާއި އެއްވެސް ބަޔަކަށް މިހާތަނަށް އެރަށުގައި ޓޫރިޒަމް ނުހިންގޭ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން މިހާރު މުހިންމު ފިޔަވަޅުތަކެއް އަޅައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން ހދ.އަތޮޅު ތެރެއިން ފަޅުތަށް ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement

ރައީސް ނައިވާދޫ ކައުންސިލާއި ބައްދަލުކުރެއްވުން–ފޮޓޯ: ރައީސް އޮފީސް

“މި އަތޮޅާއި ޓޫރިޒަމް މަދު އެހެން އަތޮޅުތައް ވެސް ހިމެނޭ ގޮތަށް މިހާރު ވާނެ އިންވެސްޓަރުންނަށް ހުޅުވާލާފައި، އިންވެސްޓުކުރާ ފަރާތަށް ވަރަށް ބޮޑު ލުއިތަކެއް، އިންސެންޓިވްތަކެއް ދީފަ.ޑިސްކައުންޓުތަކެއް ދީފަ އިއުލާންކޮށްފައި އޮންނާނެ. މި އަތޮޅުންވެސް ވަރަށް ގިނަ ފަޅުތަކާއި ފަޅުފަޅުން ބަޔާއި މިކަހަލަ ތަންތަން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 10 ވަރަކަށް ސަރަހައްދު މި އަތޮޅުތެރެއިން ވާނެ އިއުލާންކޮށްފައި.” ރައީސް ވިދާޅުވިއެވެ.

މި މަސައްކަތަށް މިހާރު ވަނީ އޯޕަން ޓެންޑަރިން އާއި ބިޑަށް ހުޅުވާލައިފައެވެ. އަދި ހަމައެއާއެކު އެމްޓީޑީސީއަށް ސަރުކާރުން އެހީތެރިކަންދީ ފިނޭންސް އަދި ބީއެމްއެލުން މަގުތައް ފަހިކޮށްދީގެން ހދ.ނާގޯށީގެ މަސައްކަތް ފެށުމަށްޓަކައި މިހާރު މޮބަލައިޒްކޮށްފައިވާ ކަމަށާއި މިއީ ނުހިނގާ ވަރަށް ދުވަސްވީ މައްސަލައެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

” އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ މި އަތޮޅުގައި މިހާތަނަށް މިއޮތް ޓޫރިޒަމް ނެތި މިދާ ލޭބަލް ކަނޑުވާލަދީ، ޓޫރިޒަމް ފައްކާކަމާއެކީ ހިންގާ އަތޮޅަކަށް ހެދުން. އެކަމަށް އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެންދާނެ.” ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ނައިވާދޫ ފަޅުތެރޭގައި އޮތް ދެ ފަޅުރަށުން ރައްޔިތުންނަށާއި ކައުންސިލަށް ފައިދާވާނޭހެން ބޭނުން ކުރެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“މިރަށު އިހުތިސާސްތެރޭގައި އެބައޮތް ކުޑަ ދެ ރަށެއް. ކައުންސިލުން އެބައި ހިމެނޭގޮތަށް ލޭންޑްޔޫސް ޕްލޭން ހަދާފައި މިނިސްޓްރީން ފާސްކުރުމުން ދެން އެތަނުގެ ބޭނުން ކައުންސިލަށް، ރައްޔިތުންނަށް ފައިދާވާ ގޮތަށް ހެދޭނެ. މިއީވެސް މިރަށަށް އިތުރު ފައިދާއެއް ލިބޭނެ ގޮތެއް،” ރައީސް ވިދާޅުވިއެވެ.

ނައިވާދޫ ބަނދަރު ތަރައްގީކުރާއިރު، ޖާގަ އިތުރުކޮށް ބަދަލުތަކެއް ގެންނަން ރައްޔިތުން ބޭނުންވާ ކަމަށާއި ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކީ ބަނދަރުގެ މަސައްކަތްވެސް ނިންމާލަދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިިިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ނައިވާދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް 80 އިންސައްތަ ނިމިފައެވެ. މި މަސައްކަތް ކުރަމުންދާ ކުންފުންޏަށް ފައިސާގެ ދަތިކަން ނާންނާނެހެން ސަރުކާރުން ވަރަށް ގާތުން މި މަސައްކަތް ކުރިޔަށްދާގޮތް ބަލަަައި އަވަސް ސްޕީޑެއްގައި ބާކީ ހުރި މަސައްކަތްތައް ނިންމާލާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ނައިވާދޫގައި ފެށިގެން ކުރިޔަށްދާ، ލަސްވެފައިހުރި މަޝްރޫއުތައް އަވަސްކޮށްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނައިވާދޫއަކީ ކުޅިވަރުގެ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެރަށުގައި އޮތް ފުޓްބޯޅަދަނޑުގެ ބޭނުން މިހާރު ނުހިފޭ ކަމަށާއި ފުޓްބޯޅަ ދަނޑުގައި ފެންސާއި ލައިޓު ޖަހައި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އެރަށުގެ ސްކޫލް ހޯލުގެ މަސައްކަތް ލަސްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތަށް މިހާރު އެމްޓީސީސީން ތައްޔާރުވެފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ސިއްހީ މަރުކަޒުގެ އާ އިމާރާތް ވަސީލަތްތަކާއި ލެބޯޓަރީ ހިދުމަތްތަކާއެކު ގާއިމުކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ނައިވާދޫގައި އެމްބިއުލާންސްގެ މައްސަލައަކީ ވަރަށް އަވަހަށް ހައްލުކުރަން ޖެހޭ މައްސަލައެއްކަން ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސިއްހީ މަރުކަރުގެ އާ އިމާރާތް އެޅުމުގެ ކުރިން ވީހާވެސް އަވަހަށް މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުން ބޭނުންވާ ގޮތަށް މަގު ހެދުމާއި ކަރަންޓު މައްސަލަ ހައްލުކުރުމަށް އާ ޖެންސެޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް