ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ސްޕީޑް ހަލުވިކޮށްފައިވާ ކަަމަށާއި، އަމާޒަކީ އެންމެ ލަސްވެގެން ނޮވެމްބަރު މަހުގެ ތެރޭގައި އެއާޕޯޓް ފުރިހަމައަށް ބޭނުން ކުރެވޭ ގޮތަށް ނިންމާ ހުޅުވުން ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ އުތުރުގައި ކުރިއަށްދާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ. އެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2،464 މީޓަރުގެ އާ ރަންވޭއެއް އެޅިއިރު، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވެމުން ދެއެވެ.
އެ މަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެން ދާނެއެވެ. އެ މަޝްރޫއުގައި ފްލައިޓަށް އެރުމަށް އެއިރޯ ބްރިޖްތައް ވެސް ހިމެނެއެވެ.
ރައީސް ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ތަރައްގީއަކީ މުޅި ރާއްޖޭގެ ވަރަށް މުުހިންމު ބައެއް ހިއްސާ ކުރާ ތަރައްގީގެ މަސައްކަތެއް ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް ހަނިމާދޫ އަދާ ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެހެންކަމުން އަޅުގަނޑުމެންގެ އެކިއެކި މަޝްރޫއުތައް މި ރޭވިގެން ދަނީ މި ދެންނެވި ވިސްނުމުގެ ދަށުން، މިގޮތުން ބަލާއިރު އަޅުގަނޑު ރިޔާސީ އިންތިހާބުގައި ތިބޭފުުންނަށް ވީ ވައުދުތަކާއި، އޭގެ އިތުރަށްވެސް އޭގެ ފަހުން ތިބޭފުޅުންނާއި ބައްދަލުވެގެން އަޅުގަނޑު ދަންނަވާފައި ހުރި ކަންކަމާއި، މިރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން އަދި މެނިފެސްޓޯގައި ބަޔާންކޮށްފައި ހުރި ކަންކަމާއި، މި ހުރިހާ ކަންކަމެއްގެ އަލީގައި ނޫނީއްޔާ އެކަންކަން ހާސިލް ކުރުމުގެ ގޮތުން މި ގެންދަނީ ވަރަށް މުހިންމު މަސަައްކަތްތަކެއް ކުރަމުން،” ރައީސް ވިދާޅުވިއެވެ.
އެގޮތުން އެ ރަށުގައި މިހާރު ތަރައްގީ ކުރަމުންދާ ހަނިމާދޫ އެއާޕޯޓް މަޝްރޫއަކީ އެންމެ މުހިންމު މަޝްރޫއުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ އެއާޕޯޓްގައި މިހާރު ނިމެމުން ދަނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. ވަރަށް ޒަމާނީ ފެންވަރެއްގައި ވަރަށް ބޮޑަށް އެކްސްޕޭންޑް ކުރެވިގެން ތަރައްގީ ކުރެވިގެންދާ އެ އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުރިއަށް ވުރެ ސްޕީޑް ހަލުވިކޮށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
“މިހާރު މި ދާ ސްޕީޑްގައި ގެންގޮސް، އަޅުގަނޑުމެން ވަރަށް އަވަހަށް ނިންމާނަން، އަޅުގަނޑުމެން އަމާޒަކީ އެންމެ ލަސްވެގެން ނޮވެމްބަރު މަހުގެ ތެރޭގައި އެއާޕޯޓް ފުރިހަމައަށް ބޭނުން ކުރެވޭ ގޮތަށް ނިންމާ ހުޅުވުން،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެތަން ހުޅުވާއިރު އެއާޕޯޓުން ފުރާ ފަސެންޖަރުންނަށް، ވެލާނާ އެއާޕޯޓުން ފުރާ ފަސެންޖަރުންނަށް ޑޮލަރު ގަނެވޭ ގޮތަށް އޮންނަ ގޮތަށް އެތަނުގައި ބީއެމްއެލްގެ ކައުންޓަރެއް ބަހައްޓައި، ބޭންކް ރޭޓްގައި ޑޮލަރު ގަނެވޭނެ ނިޒާމެއް ގާއިމްކޮށްދެެއްވާނެ ކަމަށެވެ.
“ޑޮލަރު ގަނެވޭ ނިޒާމް ގާއިމް ކުރުމުގެ އިތުރަށް މިރަށުގައި އެއާޕޯޓުން ބޭރުން އާއްމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި މި އަންނަ އަހަރު ޑޮލަރު އޭޓީއެމްއެއް ވެސް އިރާދަކުރެއްވިއްޔާ ބަހައްޓައިދޭނަން،” ރައީސް ވިދާޅުވިއެވެ.
ރައީސް ހދ. ހަނިމާދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން— ފޮޓޯ:ރައީސް އޮފީސް
މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ވެސް އެ ރަށުގައި ގާއިމް ކުރުމަށް ކަނޑައެޅިގެން ގޮސް، މި އަަހަރު ތެރޭގައި ހުޅުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ، އެއާޕޯޓް ހުޅުވިގެންދާއިރު، އެ ރަށުގައި ޕާސްޕޯޓްގެ ހިދުމަތާއި، އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ވެސް ދޭން ފަށާނެ ކަމަށެވެ.
“މިކަންކަން ވެގެން ދާނީ ހަނިމާދޫ ރައްޔިތުންނަށް ވަރަށް ފަސޭހަވެގެންދާނެ ކަންކަމަށް، އަދި މިރަށަށް ހިޖުރަ ކުރާ ފަރާތްތަކަަށް ވެސް ވަރަށް ބޮޑަށް ކުރިއެރުން ލިބޭނެ ކަންކަމަށް ވެގެން ދާނެ،” ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއު ނިމުމުން އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ހިދުމަތް ދެވޭނެއެވެ.
މަޝްރޫއުގެ މަސައްކަތް އަވަސްކުރުމަށް 24 ގަޑިއިރު މަސައްކަތްތައް ކުރިއަށްގެންދާއިރު، މި މަސައްކަތުގައި 800 އަށްވުރެ ގިނަ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު