ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، ހއ. އުތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރުވައިފިއެވެ.
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފުގެ އައްޑަނައާ ހަވާލުވެވަޑައިގެންނެވީ އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދެވެ.
ރައީސުލްޖުމްހޫރިއްޔާ އުތީމު ރައްޔިތުންނަށް މި ޝަރަފު އެރުވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނާއި، އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީއެވެ.
މި ޝަރަފް އެރުވުމަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުއްވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެކަމަށް ދިން އަހަންމިއްޔަތުކަމުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރުމުގެ ގޮތުންނެވެ.
އުތީމު ގަނޑުވަރަކީ، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އުތީމު މަހާރަދުން) ގެ އާއިލީ މައިފުނަގެއެވެ. ރަސްކަމުގެ ތަހުތުގައި އިށީނދެވަޑައިގަތުމުގެ ކުރީން އުތީމުގައި ދިރިއުޅުއްވި ގެކޮޅެވެ. މިއީ، ދިވެހި ޤައުމީ އަގުހުރި ހާއްސަ ތަރިކައެކެވެ. އުތީމުގައި ހުންނަ އެ ރަދުންގެ ގަނޑުވަރާއި، އެހެނިހެން އާސާރުތަކަށް ރައްކާތެރިކަންދީ ބެލެހެއްޓުމުގައި އުތީމު ރައްޔިތުންވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ.
ފާއިތުވި 450 ވަރަކަށް އަހަރު، (އުތީމު ރަދުންގެ ޙަޔާތްޕުޅުގެ އަހަރުތައް ހިމަނާނަމަ، ހަމަ ޔަޤީނުންވެސް، 500 އަހަރަށް ވުރެ މަދުނުވާނޭ ދުވަސްތަކެއްގައި) މި ސަމާލުކަމާއި ފަރުވާތެރިކަން ދަމަހައްޓަވައިފައިވެއެވެ. ޒަމާނުއްސުރެ އުތީމު ގަނޑުވަރަކީ، ހުރިހާ ދިވެހީން ވެސް ވަރަށް ކަމޭހިތަމުންއައި ބިނާއެކެވެ. އެހެންކަމުން، ކުރީ ޒަމާނުއްސުރެ ގަނޑުވަރުގެ ކަންކަމަށް އެކި ކަހަލަ ޢިނާޔަތްތައް ލިބެމުންއައެވެ. އެއާއެކު ވެސް ތަން ބެލެހެއްޓުމާ ބެހޭ ހުރިހައި މަސައްކަތެއް، ވަރަށް ފަހަކާ ޖެހެންދެން އުޖޫރައަކާ ނުލައި ކުރަމުން އައީ، އުތީމު ރައްޔިތުންނެވެ.
އުތީމު ރައްޔިތުން ގަނޑުވަރަށް ވަރަށް ބޮޑު އިހްތިރާމަކާއި ގަދަރެއް ކުރެއެވެ. ގަނޑުވަރުގެ އެތެރެ އޮންނަނީ އަބަދުވެސް ހިމުން ދޮންވެލި ލައިފައެވެ. މި ވެލި ލަނީ، ގޮނޑުދޮށުން ހިމުން ދޮންވެލި ގެނެސްގެން ބަތްޕޮޅިން ފޮޅައި، ކިތަންމެ ކުޑަ ކުނިކޮޅެއްވެސް އަދި ހަރު އެތިކޮޅެއްވެސް އޮތިއްޔާ އެ އެއްޗެއް ނަގައިފައެވެ. ބޭރު ގޯތިތެރެ އޮންނަނީ، ސާފު ކަށިވެލި ލައިފައެވެ. ގަނޑުވަރު ސަރަހައްދު ކުނިކަހަނީ، އުތީމު އަންހެނުންނެވެ. ކުނިކެހުން ނިންމާލަނީ، ފަހަތަށް ފަހަތަށް ކުނިކަހަމުން އައިސް، އެއްވެސް ފިޔަވަޅެއްގެ އަސަރުވެސް އެ ސަރަހައްދުގައި ނުހުންނަ ގޮތަށެވެ. އެ ސަރަހައްދަށް އުތީމު ރައްޔިތަކު އާންމު ގޮތެއްގައި ނުވަންނާނެއެވެ. މަސްވެރީން ބާނާ މަސް ހިފައިގެން ގަނޑުވަރު މަގުން އެއްގަމަކަށް ނާރާނެއެވެ. އެއީ، ގަނޑުވަރު ސަރަހައްދަށް ލޭ ތިއްކެއްވެސް ޖަހައިފާނެތީއެވެ.
ގަނޑުވަރު ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ އެހީއެއް ނުލިބި ވިއްސަކަށް އަހަރު ވުމަށްފަހު، ސަރުކާރުން މުސާރަދެއްވާ ހާދިމަކާއި، މަސައްކަތު މީހުން ލައްވައި، ގަނޑުވަރު ބެލެހެއްޓުމާއި މަރާމާތުކުރުމާއި، މިފަދަ ހުރިހައިކަމެއް މިހާރު ކުރައްވަމުން ގެންދަވަނީ ސަރުކާރުންނެވެ. ތަން ބެލެހެއްޓުމަށް އިތުރު ވަސީލަތްތަކާއި މާލީ އިންތިޒާމުތައް ހަމަޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު