މާލޭގެ އެންމެ މުހިންމު އެއް މަގު ކަމުގައިވާ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްޤީކޮށް ހަތަރު ލޭނަށް ފުޅާކުރުމުގެ މަސައްކަތް ފަށުމާއިއެކު، އެ ސަރަހައްދުގެ ފަޅު ބަންދުކުރުމުން، އެ ސަރަހައްދުގައި ބޭނުންކުރަމުން އައި އުޅަނދުތަކަށް، ދެ ސަރަހައްދެއް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ހަމަޖައްސައިފިއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 144.51 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން، އެމްޓީސީސީ މެދުވެރިކޮށް ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން، 2025 ވަނަ އަހަރުގެ އޭޕްރިލް 9 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، 455 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް، 830 މީޓަރުގެ ދިގުމިނުގައި މަގު ތަރައްޤީކުރެވޭނެއެވެ. އެގޮތުން، މީގެ ތެރޭގައި ހިމެނެނީ:
- މަގު ހަތަރު ލޭނަށް ފުޅާކުރުން
- ތާރު އެޅުމުގެ މަސައްކަތް
- ދުވާރު ތަރައްޤީކުރުން
- ފެން ހިންދާ ނިޒާމު ޤާއިމުކުރުން
- ރޯޑް މާކިންގ އަދި ސައިން ބޯޑުތައް ބެހެއްޓުން
މި މަސައްކަތް ކުރުމަށްޓަކައި، އެ ސަރަހައްދުގެ ފަޅު ވަނީ ބަންދުކުރެވިފައެވެ. އެގޮތުން، އެ ސަރަހައްދުގައި ބޭނުންކުރަމުން އައި އަޅަނދުތަކަށް، ދެ ސަރަހައްދެއް ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ހަމަޖައްސައިފައެވެ.
އެމްޕީއެލްއިން ނެރުނު އިއުލާނުގައިވާގޮތުގައި، އެމްއެމްއޭގެ ކުރިމަތި ފަޅު ބަންދުކުރުމުގެ ސަބަބުން، އެ ސަރަހައްދުން، ހިދުމަތް ހޯދަމުންދިޔަ ފެރީތަކަށް އެއްވެސް ހުއްޓުމެއް ނެތި ހިދުމަތް ދެމުންދާނީ، އެމްޕީއެލްގެ ނޯތު ހާަބަރުންނާއި، ސައުތު ވެސްޓް ހާބަރުންކަމަށެވެ. އަދި، މި ދެ ސަރަހައްދުން، 2025 ނޮވެމްބަރު 19 ވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް ދޭނެކަމަށްވެސް ބުނިއެވެ.
މީގެއިތުރުން، ތިން މަސް ދުވަސް ދުވަހުގެ މުއްދަކަށް، މަރާމާތުގެ މަސައްކަތް ނިންމާލުމަށްފަހުގައި، ދެ ހާބަރުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް، އެ ދެ ހާބަރު ހިންގުމަށްޓަކައި ކަނޑައަޅައިފައިވާ އުސޫލުގައިވާ ގޮތަށް ހިދުމަތް ފޯރުކޮށްދެވޭނެކަމަށް އެމްޕީއެލްއިން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު