މި އަހަރުގެ ގައުމީ ދުވަހު މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާމިނަލްގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.
އެމްޕީއެލްއިން ވިދާޅުވީ އަންނަ އާދިއްތަ ދުވަހަކީ ރާއްޖޭގެ ގައުމީ ދުވަސް ކަމަށްވާތީ އެ ދުވަހު މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާމިނަލް އިން ދެމުން އަންނަ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ.
އަދި ހިދުމަތް އަލުން ފަށާނީ އަނނަ ހޯމަ ދުވަހުގެެ ހެނދުނު ކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ. އެމްޕީއެލްއިން ވަނީ ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ.
މި އަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވެއެވެ.
ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ދިވެހީންގެ ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުގައެވެ.
ރާއްޖޭގެ ތާރީހުގައިވާ މުހިންމު ދުވަސްތައް ފާހަގަކޮށް އިހު ޒަމާނުގެ ހަނދާންތައް އާލާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން ގައުމީ އަދީ ދީނީ ހާއްސަ މުނާސަބާތްތަކުގައި މަގުތައް ޖަރީކޮށް އެކި ހަރަކާތްތައް ހިންގައެވެ.


ކިޔުންތެރިންގެ ހިޔާލު