Advertisement

މީޑިއާ ވިލެޖާ އެކު 5 ތަރީގެ ހޮޓަލެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގައި ފަޅަށް ދޫކޮށްލައިފައި އޮތް ސިޓީ ހޮޓަލުގައި، މީޑީއާ ވިލެޖާ އެކު ފަސް ތަރީގެ ހޮޓަލެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މީރުމާ ހޮޓަލްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Advertisement

އެ ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީގެ އިތުރުން އެ ކުންފުނީގެ ސީސީއޯ އަހުމަދު އަސްލަމެވެ.

ވޯލްޑް އޮފް ބިޒްނަސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނައީމް އާއި ސީއީއޯ ފަހޭޒް ޕަންގަތުގެ އިތުރުން ސީއޯއޯ އަލީ ނާހިޒެވެ.

މީޑިއާ ވިލެޖާ އެކު ފަސް ތަރީގެ ހޮޓަލެއް ހެދުމަށް އެއްބަސް ވުމުގައި ސޮއިކުރުން – ފޮޓޯ: އެޗްޑީސީ

އެ އިމާރާތަކީ އެސްޓީއޯ އިން ތެލާއި، ކާޑާއި އަދި އެހެނިހެން ތަކެތި އިމްޕޯޓް ކުރުމަށް ބޭނުންވާ ޑޮލަރު ހޯދުމުގެ ނިޔަތުގައި 2007 ވަނަ އަހަރު ހުޅުމާލޭ ފޭސް އެކަކުން ހޯދި ބިމެކެވެ. ދެހާސް އެގާރަ ވަނަ އަހަރު އެމެރިކާގެ ކާލްސަން ގްރޫޕާއި އެކު ޕާޓްނާޝިޕެއް އުފައްދައި އަދި 34 މިލިއަން ޑޮލަރު ހަރަދު ކޮށްގެން 250 ކޮޓަރި ހިމެނޭ ގޮތަށް “ރެޑިސަން ބްލޫ ހޮޓެލް” ގެ ނަމުގައި އެ ތަން ތަރައްގީ ކުރަން ފެށި ނަމަވެސް އެކި ކަންކަން ކުރިމަތިވެ އެންމެ ފަހުން އެ ހޮޓާ ވިއްކާލަން 2018 ގައި އެސްޓީއޯ އިން ނިންމިއެވެ.

ނަމަވެސް މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ އަހަރީ ޖަލްސާގައި އެ ކުންފުނީގެ ވިޝަން އާ ނުގުޅޭ ވިޔަފާރިތައް ހުއްޓާލަން ނިންމުމާ ގުޅިގެން، ފާއިތުވި އެއްވެސް ވެރިކަމެއްގައި ބެނުން ނުކޮށް ހަލާކުވާން 17 އަހަރު ވަންދެން ދޫކޮށްލާފައިވާ 34 މިލިއަން ޑޮލަރުގެ އިމާރާތް ބޭނުން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީއާ ވާހަކަ ދައްކައި، އެތަނުގައި މީޑިއާ ވިލެޖާއި، މެޑިކަލް ކޮލެޖާއި، ތަރިކަ ކޮލެޖާއި، ޔޫތް ސެންޓަރެއް ގާއިމް ކުރުމަށް ވަނީ ނިންމަވާފައެވެ.

މީޑިއާ ވިލެޖާ އެކު ފަސް ތަރީގެ ހޮޓަލެއް ހެދުމަށް އެއްބަސް ވުމުގައި ސޮއިކުރުން – ފޮޓޯ: އެޗްޑީސީ

“މަންހަޓަން” ގްރޭންޑްގެ ނަމުގައި އަލުން އެ ހޯޓާ ގާއިމް ކުރެވޭ އިރު 3.5 ފަންގިފިލާ ހާއްސަ ކުރެވިގެންދާނީ ރާއިސް ރައްޔިތުންނަށް ވެފައިވާ ހަތަރު ވައުދު ފުއްދާ ދިނުމަށެވެެ.

ހުޅުމާލޭގައި ހަދާ މެންހެޓަން ގްރޭންޑް ހުޅުވިގެންދާއިރު، އެތަނުގައި 158 ކޮޓަރިއާއި މަލްޓިޕާޕަސް ހޯލާއި، ކޮންފަރެންސް ހޯލްތަކާއި، ސްވިމިން ޕޫލާއި، ބައިނަލް އަގްވާމީ ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި، ޖިމް އާއި ސްޕާގެ ހިދުމަތް ގާއިމް ކުރެވިގެންދާނެއެވެ.

ހުޅުމާލޭގައި ތަރައްގީކުރެވޭ މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް އަދި ގައުމިއްޔަތު އިންސްޓިޓިއުޓްގެ އިތުރުން އެމްއެންޔޫ މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެއެވެ. މިތަންތަން އެއްކޮށް ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައެވެ.

ހޮޓަލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑާރޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ.

ހޮޓާ ހުޅުވިގެންދާއިރު، މި ހޮޓާވެގެންދާނީ ވެލާނާ އިންޓާނޭޝަނަލް އާ ޓާމިނަލާ ގުޅުވާލެވޭ ސިޓީ ހޮޓާލަކަަށެވެ. އެގޮތުން މަންހަޓަން ގްރޭންޑް ހުޅުވާއިރު 12 އެއާލައިނަކާ އެކު އެގްރިމެންޓް ކުރެވިގެންދާނެއެވެ.

އެ ޕްރޮޖެކްޓާ އެކު، އެޗްޑީސީ އަށް ބިމުގެ އަގުގެ ގޮތުގައި 11 މިލިއަން ޑޮލަރު ލިބޭނެއެވެ. އަދި ކޮންމެ އަހަރެއްގެ ކުލީގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ލިބޭނެއެވެ. ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 2.5 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

.ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑު ސީއެސްއާރުގެ ދަށުން ސަރުކާރަށް ދޫކުރާ ހަތަރު ތަނުގެ ފެނާއި ކަރަންޓާއި މެއިންޓަނެންސް ހަރަދު ދާއިމީ ގޮތެއްގައި އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ބަލަހައްޓައި ދިނުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް