Advertisement

ތިލަފުށީގައި ތަރައްގީ ކުރާ ވިޔަފާރި ބަނދަރުގެ މަސައްކަތް މިނިސްޓަރ އަމީން އާއި އެމް..ޕީ.އެލް ގެ ސީީއީއޯ ބައްލަވާލައްވައިފި

ކ. ތިލަފުށީގައި ތަރައްގީ ކުރާ ވިޔަފާރި ބަނދަރުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ބައްލަވާލައްވައިފިއެވެ.

އަމީން، ތިލަފުއްޓަށް ވަޑައިގެން މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވި އިރު، އޭނާގެ އަރިހުގައި އެމްޕީއެލްގެ ސީއީއޯ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) މުހައްމަދު ރިޝްވާން އާއި ޑިވެލޮޕްމަންޓް ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

އެމްޕީއެލް އިން ވިދާޅުވީ އަމީންގެ މި ޒިޔާރަތުގައި މަޝްރޫއުއަށް ލިބިފައިވާ ކުރިއެރުންތަކާއި ކުރިއަށް އޮތް ތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ ޕްލޭންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނެސް، ޒަމާނީ ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ތިލަފުށީގައި ކުރިއަށްގެންދިޔުމުގެ މަސައްކަތް އެމްޕީއެލް އިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޕީއެލްގެ ޗީފް ސްޓްރެޓެޖީ އޮފިސަރު، މުހައްމަދު އަމީޒު މީގެކުރިން ވިދާޅުވީ އެމްޓީސީސީ އާ ހަވާލުކޮށްގެން 60 މީޓަރުގެ ކީ ވޯލްއެއް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމްޕީއެލްގެ ވިޔަފާރި ބަނދަރު ސަރަހައްދުގައި ޖާގައިގެ ދަތިކަން ހުރުމުން ހުސް ކޮންޓެއިނަރުތައް މިހާރު ގެންދަނީ ހުޅުމާލެ ޕޯޓަށް ކަމަށާއި، އޭގެ ބަދަލުގައި ހުސް ކޮންޓެއިނަރުތައް ދެން ގެންނާނީ ތިލަފުއްޓަށް ކަމަށް ވެސް އަމީޒް ވިދާޅުވިއެވެ.

“އުންމީދު މި ކުރަނީ އޯގަސްޓު މަހުގެ ނިޔަލަށް މި މަސައްކަތް ނިންމާލެވޭނެ ކަމަށް. މި މަސައްކަތް ނިމުމާއެކު، މާލޭ ކޮމާޝަލް ހާބަރުގެ ބައެއް މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރެވޭނެ. މިގޮތުން، ހުސް ކޮންޓެއިނަރުތައް ރައްކާކުރުމަށް ތިލަފުށި ބޭނުންކުރެވޭނެ. މި ބަދަލާއެކު، މާލެ އަދި ހުޅުމާލޭގެ ބަނދަރުތަކުގައި މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ” އަމީޒު ވިދާޅުވިއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މާލެ ސަރަހައްދުގައި މިހާރު ހިނގަމުން އަންނަ އެންމެ ބޮޑު އެއް މަޝްރޫއެވެ.

މި މަޝްރޫއުތަކަށް ޖުމްލަ 250 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު މުޅި މަޝްރޫއުގެ މަސައްކަތް 2028 ގެ ކުރިއަށް ނިންމާލެވޭނެ ކަމަށް އެމްޕީއެލްއިން ލަފާ ކުރައްވައެވެ. ތިލަފުއްޓަށް މާލެ ވިޔަފާރި ބަނދަރު ބަދަލު ކުރުމަށްފަހު މާލެ ބަނދަރުގައި ކްރޫޒް ޓަމިނަލެއް ތަރައްގީ ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މާލޭގެ ކްރޫޒް ޓާމިނަލްއާއެކު ބައެއް ކޮމާޝަލް ޑިވަލޮޕްމަންޓުތައްވެސް އަންނާނެ ކަމަށާއި ޕްބަލިކް އޭރިއާތައް ވެސް އުފެދިގެން ދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް