އަންނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން އއ. ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތޮއްޑޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމުގައި މިހާރުވެސް ކުރިއަރާފައިވާ ރަށެއް ކަމަށެވެ. އެ ގޮތުން ރަށުގައި 80 ވަރަކަށް ވިޔަފާރި ހިނގާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތޮއްޑޫގައި މިހާރު ވެސް އެތައް އެނދެއް ހުރި ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ ދާއިރާ އިތުރަށް ފުޅާކުރުމަށް އަންނަ އަހަރު ސީ ޕްލޭންގެ ހިދުމަތްވެސް ފައްޓަވާނެ ކަމަށެވެ.
“މިރަށަށް ހާއްސަ ސީޕްލޭން ޕްލެޓްފޯމް ގާއިމުކޮށްދީ، އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވެ މިއަންނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން ޝެޑިއުލް ސީޕްލޭން ދަތުރުތައް މިރަށަށް ފަށާނަން.” ރައީސް ވިދާޅުވިއެވެ.
ސީޕްލޭންގެ ހިދުމަތް ފެށިގެން ދިޔުމާއެކު ކަނޑުގަދަވާ ދުވަސްތަކުގައި މުވައްޒަފުންނަށް ނުވަތަ ޓޫރިޒަމް ދާއިރާގައި އުޅޭ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ފަސޭހަކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ފިޝަރީޒް މިނިސްޓްރީއާ ވާހަަކަ ދައްކައިގެން ސްޕޯޓްސް ބޮއި އަލުން ރީއިންސްޓޯލް ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ލޯކަލް ޓޫރިޒަމް ފުޅާކުރަން އިތުރު ކަންތައްވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު އެރަށުގައި ހުޅުވި ޑޮލަރު އޭޓީއެމް އަދި އަމަލީ މަސައްކަތް ފެށިގެންދިޔަ މަޝްރޫއުތަކުން ރަށަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅުތައް ފުއްދުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި އޭގެ އިތުރަށްވެސް ތޮއްޑޫގެ ކުރިއެރުމަށް ބޭނުންވާ ހުރިހާ ކަމެއް ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.
“ތޮއްޑޫގެ ތަރައްގީއަށްޓަކައި ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ގެންގޮސްދޭނަން. އެގޮތަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން މިތިބީ ތިބޭފުޅުންނާއެކީގާ ފުރިހަމައަށް ބައިވެރިވެގެން. ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެން ދޭނަން.” ރައީސް ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުޅިވަރުގެ ދާއިރާގައި ހޭންޑްބޯލް ކޯޓު ގާއިމުކުރުމުގެ ބޮޑު ބިޔަ މަޝްރޫއެއް ކުރިޔަށް ގެންދަން ސަރުކާރުން ނިންމާފައިވާ ކަމަށާއި މި މަސައްކަތް ކުރިޔަށް ގެންދާނީ ދެ އަހަރަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ތޮއްޑޫގައި މިއަދު ޑޮލަރު އޭޓީއެމެއް ހުޅުވިއިރު، ކައުންސިލް އިދާރާގެ އިމާރާތާއި ފުލުހުންގެ އިމާރާތުގެ ބިންގާ ވަނީ އަޅައިފައެވެ. އަދި އެ ރަށުގައި ބެޑްމިންޓަން ތިން ކޯޓެއް އެޅުމުގެ ބިންގާ ވެސް ވަނީ އަޅައިފައެވެ. މީގެއިތުރުން ތޮއްޑޫގައި އަޅަން ނިންމާފައިވާ 30 އެނދުގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ރައީސް ވަނީ ނިންމަވައިފައެވެ.
މިއަދުގެ ޖަލްސާގައި ވަނީ ތޮއްޑޫ ސްކޫލަށް ބޭނުންވާ ތޮއްޑޫ ދެކުނު ފަރާތު ފާލަން ތަރައްގީ ކުރުމާއި ސްކޫލްގެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ބަޔަކާ ހަވާލުކޮށްފައެވެ. ސްކޫލްގެ ވަސީލަތްތައް ގާއިމުކުރަން ހަވާލުކުރީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއެވެ. ފާލަމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ.


ކިޔުންތެރިންގެ ހިޔާލު