ކުދިން ތަރުބިއްޔަތު ކުރުމުގައި ޚާއްސަކޮށް ކުދިންގެ ޓީނޭޖް އުމުރުފުރާ އަށް ދިޔައިމަ އެކުދިންގެ ރުޅި ކޮންޓްރޯލް ކުރާނެ ގޮތެއް ނޭނގިގެން ބެލެނިވެރިން ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ.
މިކަން ހައްލު ކުރުމަށް ފުރަތަމަ ވެސް މަސައްކަތް ކުރަވީ (ބެލެނިވެރިއެއްގެ ހައިސިއްޔަތުން އެމީހެއްގެ ޒިންމާ) ތިމާގެ ދަރިފުޅަކީ މުޖުތަމައުއަށް ބޭނުންހިފޭ، ﷲ ސުބުހާނަހޫ ވަތަޢާލާ އެންގެވި މަގުން ހިނގާ ސޯލިހް ދަރިއެއްގެ ގޮތުގައި އެކުޖާ ބޮޑު ކުރެވޭތޯއެވެ.
އެގޮތުން މިހާރު މިއޮތް މުޖުތަމައުގައި އެކަން ހާސިލް ކުރުމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހެއެވެ. ނަމަވެސް ކެއްތެރިކަމާއި ވިސްނުންތެރިކަމާއެކު މި ގޮންޖެހުންތަކާ ކުރިމަތިލައި ދަރިންނަކީ ބަސްއަހާ ހެޔޮލަފާ ކުދިންގެ ގޮތުގައި ތަރުބިއްޔަތު ކުރެވިދާނެއެވެ.
އެގޮތުން ބެލެނިވެރިން އެކުދިންގެ ރުޅިކޮށްޓްރޯލްކޮށް އެކުދިން ބަސްއަހާ ކުއްޖަކަށް ވުމަށް އެދޭނަމަ ރަނގަޅު ކޮށްލަން ޖެހޭ ފަސްކަމެއް:
- ކުއްޖާދެކެ ލޯބިވުން: ކުއްޖާދެކެ މަންމަ އަދި ބައްޕަ ނުވަތަ އެކުޖާގެ ބެލެނިވެރިއެއް ނޫނީ އެކުއްޖާދެކެ އެންމެ ބޮޑަށް ލީބިވާނެ ބަޔަކު ނުތިބޭނެ ކަން އެކުދިންނަށް އިހްސާސްކޮށްދިނުން.
- ކުއްޖާ އާ މަޑުމަައިތިރިކޮށް ވާހަކަ ދެއްކުން: ކުއްޖާ މައިންބަފައިން ހިތްހަމަ ނުޖެހޭ ކަމެއް ކުރިޔަސް އެކުއްޖާ ދެކެ ލޯބިވާކަން ހާމަކޮށް ކުއްޖާދެކެ ރުޅި ނައިސް ރީތިކޮށް ކުރެވުނު ކަން ރަނގަޅު ނޫން ކަން ކިޔައިދިނުން. ކުއްޖާ ރުޅިއައިސްގެން ހަޅޭލެވިޔަސް މައިންބަފައިން އެކުއްޖާއާ މަޑުމައިތިރި ކަމާއެކު ލޯބިން ވާހަކަ ދެއްކުން. ކުއްޖާ ރުޅި އަންނަ ވަގުތު މައިންބަފައިން ރުޅިއައިސްގެން ހަޅޭލަވަން ފަށައިފި ނަމަ އެވަގުތުކޮޅު ނިމޭއިރު، މައިންބަފައިންނަށް ކުއްޖާ ހިތުގައި ޖެހޭ އެއްޗެހި ކިޔާލެވި ކުއްޖާގެ ހިތުގައި އިތުރު ހިތްހަމަ ނުޖެހުން މައިންބަފައިންނާ މެދު ހުރުމުގެ ފުރުސަތު އޮވޭ. އަދި ކުއްޖާ ރޯލް މޮޑެލްގެ ގޮތުގައި މައިންބަފައިން ބަލާނެ ކަމަށާއި އެކުދިން ބޮޑެތިވެގެން އެފަދަ ގޮތަކަށް އެހެންމީހުންނާ މުޚާތަބު ކުރުމުގެ ފުރުސަތު އޮވޭ.
- އަބަދުވެސް އިހްތިރާމް އިސްކުރުން: ދަރިފުޅު އިހްތިރާމް ނުކުރެވިގެންއައިސް މައިންބަފައިންނާ ރުޅިއައިސްގެން، ނުވަތަ ހިތްހަމަ ނުޖެހޭކަމެއް ދިމާވެގެން އައިސް ވާހަކަ ދައްކާ ވަގުތު އެކުދިންނަށް އިހްތިރާމްކުރުން. ރުޅިއަކީ ކޮންމެ އިންސާނެއްގެ ވެސް އިންސާނީ ތޮބީއަތުގައި ހިނި އަންނަ ގޮތަށް، އުފާވާ ގޮތަށް، ދެރަވާ ގޮތަށް ރުޅިއަކީވެސް އެއް ސިފަ. ރުލިއައުމަކީ މައްސލައެއް ނޫން. ރުޅި އައި ކަމުގައި ވިޔަސް އިހްތިރާމް އެއް މިންވަރަކަށް ހިފެހެއްޓުމަށް ވަރަށް ބޮޑަށް ބެލެނިވެރިން މަސައްކަތް ކުރަން ޖެހޭ. ގޭތެރޭގައި އެކަކު އަނެކަކަށް އިހްތިރާމް ކުރާ މަންޒަރު ދަރިންނަށް ދައްކަން ޖެހޭ.
- އަބަދުވެސް ލިމިޓްތަކެއް ކަނޑައެޅުން: ގޯސް ކަމެއް ކޮށްފި ނަމަ، ދަރިފުޅުގެ ކަންކަމުގައި ދަރިފުޅާ މެދު އަޅާނެ ފިޔަވަޅެއް ކުރީބައިގައި ދަރިފުޅަށް ކިޔައިދީފައި ބާއްވަން ޖެހޭނެ. އެގޮތުން ދަރިފުޅު ބަސްނާހައިފި ނަމަ ދަރިފުޅު އެންމެ ކުރާހިތްވާ ކަމެއް މަނާ ކުރުން ފަދަ ކަންކަން ކުރާނެ ކަން ކުއްޖާ ރުޅި ނައިސް ހަމަޖެހިފައި ހުންނަ ވަގުތު ކިޔައިދިނުން. ދަރިފުޅަކީ ގޯސް ކުއްޖެއް ނޫންކަން އަންގައިދިނުން. ކުރެވޭ ބައެއް ކަންކަން ގޯސްކަން އެކުދިންނަށް އިހްސާސް ކޮށްދޭނަމަ ކުދިން އިހްތިރާމް ކުރާނެ.
- ކޮންމެ ކަމަކީ ވެސް ވަގުތީ ކަމެއްކަން ހަނދާނުގައި ބެހެއްޓުން: ކަންކަން ހިނގުމުން އެކަން ފަހުން ހަނދާން ނައްތާލައި ކުއްޖާ އާ ލޯބިން ވާހަކަ ދެއްކުން. އެކަމެއް ހިނގުމުން އެކަން ކުއްޖާއަށް ކިޔައިދީފައި އެކަން ތަކުރާރުކޮށް ކުދިންނާ ދިމާލަށް ނުކިޔުން. ދަރިފުޅު ރުޅިއަންނަ ވަގުތު ބުނެވޭ ބަހަކުން ބެލެނިވެރިންނާ ދަރިންނާ އޮންނަ ގުޅުން ކެޑިގެންދޭ. އެކަން އެގޮތަށް ވިޔަ ނުދިނުމަށް ވިސްނުންތެރިކަމާއިއެކު މަސައްކަތް ކުރަން ޖެހޭ.
މިހާރަކަށް އައިސް ދަރިން މައިންބަފައިން ބުނާގޮތަށް ނުހަދައި އެކުދިންގެ ރައްޓެހިން ބުނާގޮތަށް ހަދާވާހަކަ މި މުޖުތަމައުގައި ވަރަށް ގިނަ މީހުންގެ ފަރާތުން އަޑު އިވެއެވެ. ސަބަބެއް ކަމަށް ފާހަގަ ކުރެވެނީ އެއީ އެކުދިން ބެލެނިވެރިންނާ އޮންނަ ގުޅުން ހީނަރުވުމެވެ.
ރާއްޖޭގެ ސިސްޓަމް އޮންނަ ގޮތުން މަންމަ އާއި ބައްފަ ދިރިއުޅުމަށްޓަކައި ވަޒީފާ އަދާކުރަން މަޖުބޫރު ވެއެވެ. އޭގެ ސަބަބުން އެދިންނަށް ދޭންވާ ލޯއްބާއި އަޅާލުން ދޭން ހުންނަނީ ދުރު މީހެވެ. ބައެއް ކުދިން މާމަ ބަލަމުންދާއިރު އަނެއްބައި ކުދިން ބަލަމުންދަނީ ގެއަށް ގެންނަ ރާއްޖެއިން ބޭރު މީހެކެވެ. އެހެންކަމުން އެކުދިންގެ އިހްސާސްތައް ގިނަ ފަހަރު އެޒިންމާ ނަގައިގެން ތިބޭ މީހުންނަށް ނޭނގެއެވެ.
މައިންބަފައިން ގިނަފަހަރު ފެންނާނީ މަދު ފަހަރަކުއެވެ. އެވަގުތު މައިންބަފައިން މަސައްކަތް ކުރާ ތަނުގެ ސްޓެރެސް ވެސް ދަރިންނަށް ބާލާފަހަރު މަދެކޭ ނުބުނެވޭނެއެވެ. އޭގެ ސަބަބުން އެކުދިންނާ މައިންބަފައިންނާ އޮންނަ ގުޅުން ހީނަރުވެ ކިތައްމެ ބޮޑުކަމެއް ދިމާވިޔަސް އެކަން ހިއްސާ ކުރާ ބަޔަކަށް ރައްޓެހިންވެ، ގެއާ ދުރައް ދާން ކުއްޖާ މަސައްކަތް ފަށައެވެ.
އެގޮތަށް ބޭރުތެރެއަށް ނިކުމެ ގޯސް ރަހުމަތްތެރިން އިޚްތިޔާރު ކުރެވި އަޅުގަނޑުމެންނަށް މުޖުތަމައުއަށް ކުއްޖާ ދޫކޮށްލެވެނީ ބޭނުން ނުހިފޭ ކުއްޖެއްގެ ގޮތުގައެވެ. މިފަދަ ކަންކަމުން ސަލާމަތް ކުރުމަށް މިފާހަގަ ކުރި ކަންކަން ބެލެނިވެރިންގެ ފަރާތުން ފެންނަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު