ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ ވަރަށް ރަަނގަޅު އިސްލާހެއް ކަމަށާއި މި އިސްލާހާއެކީ މީގެ ކުރިން ގޯސްކޮށް ކުރި ކަންތައްތައް ރަނގަޅުކުރަން ފުރުސަތު ފަހިވެގެންދާނެ ކަމަށް ހިމަންދޫ ކައުންސިލުގެ ރައީސް ހުޝާމް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިމަންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ހުޝާމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި އިސްލާހާ ގުޅިގެން ކައުންސިލްތަކުން ބަޔާން ނެރުނު އިރު، އެކަން ކުރި އެއް ކައުންސިލަކީ ހިމަންދޫ ކައުންސިލް ކަމަށެވެ.
“އަޅުގަނޑުމެން މި ނޫސްބަޔާން ނެރުނު ސަބަބަކީ މިހާރު ނޫނީ ކުރިން އަޅުގަނޑުމެން ކަންކަން ކުރަމުންދިޔަ ފަސޭހަކަމާއެކު ނުކުރެވޭނެ ކަމުގެ ބިރު އޮތުން ނޫނީ ދަތިތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ ކަމަށް އަޅުގަނޑުމެންނަށް ވިސްނިފައި އޮތުން.” ހުޝާމް ވިދާޅުވިއެވެ.
އަދި މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ދެވޭ ހަދިޔާއެއްގެ ގޮތުގައި އެރަށު ކައުންސިލުންވެސް ކޮންމެ އަހަރަކު ތަޖުރިބާ ދަތުރެއް ރާއްޖެތެރޭ ރަށްތަކަށް ކުރަމުންދިޔަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް އަމަލުކުރީ މުވައްޒަފުން ކުރާ މަސައްކަތަށް ހިތްވަރުދީ މުވައްޒުން ކުރާ މަސައްކަތް ބަލައިގަތުމުގެ ގޮތުންކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި އަހަރަކު ހަތަރު ފަސް ފަހަރު ރާއްޖެއިން ބޭރަށާއި އެހެނިހެން ރަށްތަކަށްވެސް ދަތުރުކޮށް ގޯސްކޮށް ކަންތައްކުރި ކައުންސިލުތަކުގެ ސަބަބުން ހުރިހާ ކައުންސިލެއް ބަދުނާމުވި ކަމަށް ހުޝާމް ވިދާޅުވިއެވެ.
“ރަނގަޅަށް ކަންކަން ކުރަމުންދިޔަ ކަންއުންސިލްތަކަށް މިއަދު މިވީ ގޯސްކޮށް ކަންތައްކުރަމުންދިޔަ ކައުންސިލްތަކުގެ ސަބަބުން ދަތިކަމަކަށް. ގެނެވުނު ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.” ހުޝާމް ވިދާޅުވިއެވެ.
ހިމަންދޫ ކައުންސިލަށް ލިބޭ ފައިސާއިން ކޮށްފައިވާނީ ރަށަށް އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ކައުންސިލުގެ އެއް ދައުރު ގެއްލުނު ކަމަށް ދެކެވެމުންދާ ވާހަކައަށް ރައްދު ދެއްވަމުން ހުޝާމް ވިދާޅުވީ ހުއްދަ ހޯދަން ޖެހުމަކީ ނުވަތަ ބެލެނިވެރި ފަރާތުގެ އިޒުނަ ކަންކަމުގައި ހޯދަން ޖެހުމަކީ ކައުންސިލްތަަކަށް އޮތް ގޮންޖެހުމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
އަދި ތިން ދައުރު ކައުންސިލުގައި ހޭދަކޮށްފައިވާއިރު، ގައުމީ އިދާރާތަކުގެ ނަމުގައި ގާއިމުކޮށްފައި ހުރި އިދާރާތަކަށް ކައުންސިލުން ސަލާންޖަހަން ޖެހުނު ދައުރެއްވެސް ފެނިފައިވާ ކަމަށް ހުޝާމް ވަނީ ވިދާޅުވެފައެވެ. އެދައުރުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން މިނިސްޓްރީތަކަށް ހުށަހެޅުން ކައުންސިލްތަކަށް މަނާކުރެވިފައިވާ ކަމަށާއި ކައުންސިލުން ބޭނުންވާ ކަންކަން ގައުމީ އިދާރާއަށް ހުށަހަޅަން ޖެހުނުކަމަށް ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ގާނޫނަށް މިގެނައި އިސްލާހާއެކީ ގޯސްކޮށް ކަންތައްތައް ކުރަމުންދިޔަ ކައުންސިލްތަކަށް ކަންތައް ރަނގަޅުކުރުމަށް ފަހި ފުރުސަތު ލިބިގެންދާނެ ކަމަށާއި ހިމަންދޫ ކައުންސިލުން އަބަދުވެސް ސަރުކާރާއެކީ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ހުޝާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު