ސަރުކާރުން މަސައްކަތް ކުރަނީ މީޑިއާގައި ތަޅުއަޅުވާ، ނޫސްވެރިން ޖަލަށްލުމަށްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ ޑިމޮކްރަސީގެ 4 ވަނަ ބާރަކީ މީޑިއާކަމަށެވެ. މީކާއީލް ވިދާޅުވީ 2025 ވަނަ އަހަރާއި ކުރިމަތިލާފައިވާއިރު، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅަމުންދަނީ އެންމެ ނާތަހުޒީބު ތަންތަނުގައިވެސް ތަންފީޒުނުކުރާނެ ގާނޫނުތައްކަމަށެވެ. އެގޮތުން މީކާއީލް މި ބިލު ސިފަކުރެއްވީ މީޑިއާގެ ބާރުވެރިކަން ހަނިކުރުމަށްޓަކައި ހުށައަޅާފައި އޮތް ބިލެއްގެ ގޮތުގައެވެ.
އެވަގުތުވެސް މަޖިލީހުގެ ގެލެރީގައި މީޑިއާގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމޭން އިހުތިޖާޖެއްގައި ތިއްބެވިކަން ފާހަގަކުރައްވާ މީކާއީލް ވިދާޅުވީ މިކަމުން އެކަނިވެސް މި ބިލާއިމެދު އޮތް ކަންބޮޑުވުން ހާމަވާކަމަށެވެ.
މި ބިލުން ހޯދުމަށް މަސައްކަތް ކުރުމަށް މަސައްކަތްކޮށްފައިވާ، މީޑިއާގައި ތަޅުއަޅުވާ، ނޫސްވެރިން ޖަލަށް ލެވޭނެ ގޮތެއްކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ، މި މަސައްކަތްކުރުމަށް ސަރުޚާރުން އަވަދި ނެތި އުޅޭތާ ވަރަށް ދުވަސް ވެއްޖެކަމަށެވެ.
މީޑިއާގެ ޕްރެޝަރާއި ހުރެ، މީޑިއާގެ އިހުތިޖާޖާއި ހުރެ، އިއްޒަތްތެރި ރައީސް! އެ ކުރިއަކަށް ނުދިޔަ!
މީކާއީލް ވިދާޅުވިއެވެ.
އެއާއިއެކު ނިޒާމީ ނުކުތާއެއް ނަންގަވާ ޕީއެންސީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވަނީ މިއީ އަމިއްލަ މެންބަރަކު ހުށައެޅި ބިލެއްކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ މަސައްކަތެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ. އެއާއިއެކު ރިޔާސަތުންވެސް ވަނީ ހަގީގަތް އޮޅުވާނުލުމަށްވެސް އެދިވަޑައިގެންފައެވެ.
މީކާއީލް ވަނީ އަޑު ހަރުކޮށް، މިއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަމުރަށް ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށް ވިދާޅުވެފައެވެ. ތުޅާދޫ ދާއިރާގެ މެންބަރު މި ބިލު ހުށައެޅުއްވީ ސަރުކާރުން ފޮނުއްވައިގެންކަމަށާއި، ހުދު މެންބަރު މި ކިޔާވަޑައިގެންހެންވެސް ހީނުވާކަމަށް މީކާއީލް ވިދާޅުވިއެވެ.
ރައްޔިތުންނަށް މިކަންކަން އޮޅުވާލެވޭނެކަމަށް ހީކުރުމަކީ ކުށެއްކަމަށް ފާހަގަކޮށް މީކާއީލް ތަކުރާރުކޮށް ވިދާޅުވީ މިއީ މީޑިއާ ފަހަތަށް ޖައްސާލުމަށްޓަކައި ސަރުކާރުން ޑިމޮކްރަސީގައި ފަހަތަށް އަޅާ ފިޔަވަޅެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު