Advertisement

ޖަޕާނު ސަރުކާރުން ފުލުހުންގެ ޚިދުމަތަށް ފަސް ލޯންޗު ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް ފަސް ލޯންޗު ހަދިޔާކޮށްފިއެވެ.

ދޫނިދޫގައި ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

Advertisement

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ އެހެނިހެން އިއްޒަތްތެރިން ބައިވެރިވެލެއްވިއެވެ.

ޖަޕާނު ސަރުކާރުން ފުލުހުންގެ ޚިދުމަތަށް ފަސް ލޯންޗު ހަދިޔާކުރުން — ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް އިސްމާޢީލް ނަވީން ވަނީ ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންގެ ޚިދުމަތަށް މި ވެދެއްވި އެހީތެރިކަމާއި އެކިގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

މި އުޅަނދުތަކާއެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ފާހަގަކުރައްވައި، ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވެ އަދި ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ޖަޕާނަކީ ރަހުމަތްތެރިކަމުގެ ދިގު ތާރީހެއް އޮތް ދެ ގައުމުކަން ފާހަގަކުރައްވައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި މި އުޅަނދުތައް ހިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރިގޮތަށް ޕްރޮފެޝަނަލް ކަމާއެކު ބޭނުންކުރާނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ދެއްކެވި ވާހަކަފުޅުގައި، މި އުޅަނދުތަކުގެ ބޭނުމަކީ މެރިން ޕޮލިސްގެ ގާބިލިއްޔަތު ތަރައްގީކުރުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމަށް އެހީތެރިވެދިނުންކަމަށް ވިދާޅުވިއެވެ.

މި އެހީތެރިކަމުގެ ސަބަބުން، ދިވެހި ފުލުހުންނަށް ކަނޑުމަގުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެއެވެ. އަދި މި އެހީ އަކީ ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަޕާނުން ދެމުންދާ އެއްބާރުލުމުގެ ދަށުން ދެވުނު އެހީއެއް ކަަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އެތެރޭގެ ވައިގެ ބަނދަރުތައް އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން އަވަސް ދުވެލީގައި ކުރިއަރަމުންދާ މި ދަނޑިވަޅުގައި، އަވަހަށް އިޖާބަދެވޭ އުޅަނދުތަކުގެ ބޭނުން ފުލުހުންގެ ޚިދުމަތަށް ވަރަށް ބޮޑަށް މުހިންމުވެފައިވާކަން ފާހަގަކުރައްވައި، މިފަދަ އުޅަނދުތައް ލިބުމަކީ ފުލުހުންގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު ވަރުގަދަ އަދި ކުރިއަރަމުންދާ ގުޅުމެއް ގާއިމުކުރެވިފައިވާ ކަމަށާއި، ހާއްސަކޮށް ގާނޫނު ތަންފީޒުކުރުމާއި އާންމު ސަލާމަތުގެ ދާއިރާތަކުގައި މި ގުޅުން ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން ފުލުހުންގެ ޚިދުމަތަށް ފަސް ލޯންޗު ހަދިޔާކުރުން — ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ވެއްދެއްވާ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ފިލައާ ހަވާލުވެލެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

2024 ޖުލައި 14 ވަނަ ދުވަހު، ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް 54 ކާރާއި ހަތަރު ވޭން ހަދިޔާކޮށްފައިވެއެވެ. އަދި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓުގެ އިތުުރުން އެހެނިހެން ތަކެތި ވެސް ހަދިޔާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް