ޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއްގެ އަމަލީ މަސައްކަތް ނިންމައި، ތާނގީ ބޭނުންކުރަން ފަށައިފިއެވެ.
މިއަދު އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބޭނުން ކުރަން ފެށުން އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ ޗެއަރ ޕާރސަންއާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި، ސީނިއަރ މެނޭޖްމަންޓް އާއި މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ ހުނަރާއި މަސައްކަތްތެރިކަމުގެ ތެރެއިން ޤާއިމުކުރެވުނު 10,000ޓަނުގެ މި ތާނގީއަކީ، މިހާތަނަށް ރާއްޖޭގައި ބެހެއްޓުނު އެންމެ ބޮޑު ފެން ތާނގީއެވެ.
24 މީޓަރު އުސް މި ތާނގީގެ ޢަމަލީ މަސައްކަތްފެށީފައިވަނީ 2024 ވަނައަހަރުގެ ސެޕްޓެންބަރުގެއެވެ. މި ތާނގީ ބޭނުން ކުރަން ފެށުމާއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22,600 ޓަނަށް ވަނީ އިތުރުވެފައެވެ. މިއީ ހުޅުމާލޭގައި ފެންރައްކާ ކުރެވޭ މިންވަރަށް އައި 79 އިންސައްތައިގެ ކުރިއެރުމެކެވެ. މި ތާނގީ ބޭނުންކުރަން ފެށުމާއެކު މާލެއާއި ހުޅުމާލޭގައި ފެން ރައްކައުކުރެވޭ ޖުމްލަ މިންވަރު 36,000 ޓަނުން 46,000 ޓަނަށް ވަނީ އިތުރުވެފައެވެ. ސިނަމާލެ ބްރިޖްމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ 2025 ވަނައަހަރުގެ ފެބްރުއަރީމަހުގައި ވަގުތީ ގޮތުން ގުޅާލެވިފައިވުމާއެކު މި ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ޚިދުމަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު