ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް، ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، 12 އޮގަސްޓު 2025 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރު ފަރާތުން ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ. އަދި ބިލު ފާސްކޮށްފައިވަނީ 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލު ހުށަހަޅުއްވާފައިވަނީ، ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމާއި، އެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ޤާނޫނުގައި ބަޔާންކުރުމާއި، އެ އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާހުކުރުމުގެ ބޭނުމުގައެވެ.
އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވިދާޅުވެފައިވަނީ އެ ބަދަލު ގެންނަނީ ގާނޫނުގައި ބަޔާންކުރާ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމަށާއި، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކުރުމަށާއި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައްކާބެހޭ ބައެއް އުސޫލުތައް އިސްލާހު ކުރުމަށްޓަކައި ކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ބެހޭ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވިދާޅުވެފައިވަނީ އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ވަޒީފާއިން މުސްކުޅިކުރުމުން ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށްވެސް އިސްލާހުގައި ވެެެއެވެ. އަދި މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމާ ބެހޭ މާއްދާ އުނިކުރުމަށް ވަނީ ވެސް ވަނީ ހުށަހަޅާފައެވެ.
މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ބިލުގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ވުޒާރަތަކާ ގުޅޭގޮތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުތައް ބޭނުންކުރުމާގުޅޭ ހުރިހާ އުސޫލުތައް ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށްވެސް ހިނގާނެއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލް އަދި އެހެން މުވައްޒަފުން ހިމެނޭހެން އެ އޮފީހުގެ މަގާމުތައް ތަރުތީބުކޮށްފައިވާގޮތުގެ އޮނިގަނޑެއް ބަންޑާރަނައިބު އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު