Advertisement

ރަސްމާލެ މަޝްރޫއު: 1153 ހެކްޓަރުގެ ތެރެއިން 129 ހެކްޓަރު ހިއްކައިފި

މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ ދަށުން، ހިއްކުމަށް ހަމަޖެހިފައިވާ 1153 ހެކްޓަރުގެ ތެރެއިން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 11 އިންސައްތައެވެ.

Advertisement

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން އިސްކަންދޭ އެންމެ ބޮޑު މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެޗްޑީސީން ވިދާޅުވީ 2023 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. އެ މަޝްރޫއުގެ މަސައްކަތް 12 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މިއަހަރުގެ ކުރީކޮޅު މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ސީއެމްސީއަށް މި ޕްރޮޖެކްޓް ދިނީ ބިން ހިއްކުމަށް ދާ ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭ ގޮތަށެވެ. އެގޮތުން ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދިނުމަށް ވަނީ ނިންމައިފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިއާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށެވެ. މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތައާރަފްވެގެންދާނެ މަޝްރޫއެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރަސްމާލެ ހިއްކުމުން ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލުމުން ވާވަރުގެ ތިން ގުނަ ބިން ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަދި އެތަނުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރެވޭނެއެވެ. ރަސްމާލެއާއި މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލާނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެ މަޝްރޫއަކީ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި މި ސަރުކާރުން އެދިގެން އެކަމަށް 400 މިލިއަން ރުފިޔާ ހިމެނި މަޝްރޫއެކެވެ. ނަމަވެސް، ރައީސް ޑރ. މުއިއްޒު އިސްކޮށް ހުންނަވައި، އެ މަޝްރޫއު ބަޖެޓުގައި ޖެއްސެވުމަށް ހުށަހެޅުއްވުމުން، އެމްޑީޕީން ކޮންޓްރޯލް ކުރި އޭރުގެ މަޖިލީހުން އެ މަޝްރޫއު ބަޖެޓުން އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރާއި އެހެނިހެން ތަރައްގީގެ މަޝްރޫއުތަކަށް ވަނީ ބަހާލައިފައެވެ. އެހެންވެ، މި ސަރުކާރުން ޖެހުނީ އެ މަޝްރޫއު ހިންގަން އެހެން ގޮތެއް ހޯދާށެވެ. މިހާރު ވެސް މި މަޝްރޫއުގެ މަސައްކަތް ދަނީ ފެށިފައި ހުއްޓުމަށް ފަހު، ބާރު ސްޕީޑުގައި ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް