ޕަބްލިކް ސެކްޓާރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދަ 43 އިންސައްތަ ދަށަށް ހިނގައްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ7 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް ހަރަދުކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި ހަ ބިލިއަން ރުފިޔާއަށްވުރެ 2.6 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު އެންމެ ބޮޑު ހޭދައެއްކުރީ އެއާރޕޯޓް މަޝްރޫއުތަކަށެވެ. އެ ގޮތުން އެއާރޕޯޓް މަޝްރޫއުތަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުކުރިއެވެ. ބްރިޖު މަޝްރޫއަށް 379.6 މިލިއަން ރުފިޔާ ހަރަދުކުރިިއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް 303.2 މިލިއަން ރުފިޔާ އަދި މަގު ހެދުމުގެ މަޝްރޫއުތަކަށް 104.1 މިލިއަން ރުފިޔާ ހޭދަކުރިއެވެ.
ފެނާއި ނަރުދަމާ މަޝްރޫއުތަކަށް ހޭދަކުރީ 77.8 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ އެކިއެކި މަޝްރޫއުތަކަށް 300.9 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.4 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފައެވެ. މިއީ މިއަހަރަށް މިކަންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ 21.2 އިންސައްތައެވެ.
2025 ވަނަ އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.)އަށް 12.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު