ޒަކާތު ފަންޑަށް އެންމެ ގިނަ ފައިސާ ލިބިފައިވަނީ މިހާރު މި ހިނގަމުންދާ ވެރިކަމުގައިކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، މި ސަރުކާރުން އިސްލާމީ ކަންތައްތައް ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައިވެސް އަދި އެކިއެކި ބައްދަލުވުންތަކުގައިވެސް ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އަދި އެކަންކަން ތަންފީޒު ކުރުމަށްޓަކައި މަސައްކަތް ކުރެވެމުންދާ މަންޒަރުވެސް ފެންނަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ރާއްޖޭގެ ޒަކާތާބެހޭ ކަންކަން ހަރުދަނާ ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅިގެން ދިޔަ ބިލަކީވެސް އެ މަސައްކަތުގެ ދަށުން ހުށަހެޅިގެން ދިޔަ ބިލެއް ކަމަށެވެ.
ހަމައެއާއެކު، ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް މި ސަރުކާރުން މިހާތަނަށްވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ މަންޒަރު ފެންނަން އެބައޮތްކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ޒަކާތު ފަންޑަށް އެންމެ ގިނަ ފައިސާ ލިބިފައިވަނީވެސް މިހާރު މި ހިނގަމުންދާ ވެރިކަމުގައި ކަމަށެވެ. އަދި މިހާތަނަށް ޒަކާތުން އެންމެ ގިނައިން ފަޤީރުންނަށް އެހީތެރިވެދީފައިވަނީވެސް ހަމަ މި ވެރިކަމުގައިކަމަށް މެމްބަރު ވިދާޅުވިއެވެ.
އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ޒަކާތަށް ޚާއްސަ އިދާރާއެއް އުފެއްދީ މި ސަރުކާރުން، އެންމެ ފުރަތަމަ އަހަރު، ހަމައެއާއެކު ޒަކާތު ފަންޑަށް އެންމެ ގިނަ ފައިސާ ލިބުނީވެސް މި ވެރިކަމުގައި، އެވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމެއް،
މެމްބަރު ދީދީ ވިދާޅުވީ، އިސްލާމީ ޤައުމުތަކުގައިވެސް ޒަކާތާ ބެހޭ ކަންކަން ހަރުދަނާ ކުރުމަށް މުހިއްމު ޤާނޫނުތައް ހެދިފައިވާ ކަމަށާއި، މިއީ ރާއްޖޭގައިވެސް އެ ނިޒާމު ހަރުދަނާ ކުރެވުމަށް ހުށަހެޅިފައިވާ ބިލެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ކޮންމެ އަހަރަކުވެސް ޒަކާތު ފަންޑަށް ގިނަ ފައިސާތަކެއް ޖަމާކުރަމުންދާއިރު، އެ ފައިސާ ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއްވެސް އޮންނަންޖެހޭކަމަށް ޤަބޫލު ކުރައްވާކަމަށް މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޒަކާތުގެ ސްކޮލަރޝިޕް ޙަވާލު ކުރުން މި ސަރުކާރުން ކުރިއަށް ގެންދާއިރު، މިއީވެސް އިސްލާމީ ތައުލީމު ކުރިއެރުވުމަށް މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަވާ ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ. މިއީ އެތައް ރައްޔިތުންނެއްވެސް އެދެމުންދިޔަ ކަމެއްކަމަށް މެމްބަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެއްގެ ގޮތުގައި، ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު، ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕް ޕްރޮގްރާމް އަލުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ޒަކާތު ސްކޮލަރޝިޕް ޕްރޮގްރާމަކީ އިސްލާމީ ދާއިރާތަކުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ސްކޮލަރޝިޕް ދެވޭ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 50 ސްކޮލަރޝިޕް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މީގެ ތެރެއިން 20 ފުރުސަތަކީ ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުސަތުތަކެވެ. އަދި 30 ފުރުސަތަކީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުސަތުތަކެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ގިނަ ދިވެހި ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތަޢުލީމެއް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގައި އިސްލާމީ ދާއިރާއިން ތަމްރީނު ލިބިފައިވާ ޤާބިލު މީހުން އިތުރުވެގެންދާނެއެވެ.
ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ފެށޭ މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމުގެ ދާއިރާއަށް ލިބޭ ވަރަށް މުހިންމު ކުރިއެރުމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ދިވެހި ދަރިވަރުންނަށް ދުނިޔޭގެ ނަން މަޝްހޫރު އިސްލާމީ މަރުކަޒުތަކުން ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބި، ރާއްޖޭގެ އިސްލާމީ ތަޢުލީމުގެ ދާއިރާ އިތުރަށް ފުޅާވެގެންދާނެކަން ކަށަވަރެވެ.


ކިޔުންތެރިންގެ ހިޔާލު