Advertisement

ހައްޖު ކިޔުއިން އަލަށް ދާ މީހުންނަށާއި 65 އަހަރުން މަތީގެ މީހުންނަށް އިސްކަންދެނީ

ސަރުކާރުން އަންނަ އަހަރުން ފެށިގެން ހައްޖަށް ދިއުމަށް ގާއިމުކޮށްފައިވާ ކިއުއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައި، އަންނަ އަހަރުން ފެށިގެން އަލަށް ހައްޖަށްދާ މީހުންނާއި އުމުރުން ދުވަސްވީމީހުންނަށް އިސްކަން ދިނުމަށް ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްޔިތުންގެ މަޖިލީހުގައި ހާމަކުރެއްވި ގޮތުގައި ހައްޖު ކިޔޫގައި އަންނަ އަހަރުން ފެށިގެން އަލަށް ހައްޖަށްދާ ފަރާތްތަކަށާއި، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް އިސްކަންދެވޭނެއެވެ.

Advertisement

“މި ބަދަލުތައް ރައީސް ގެންނަވާފައިވަނީ އިސްލާމީ ދުނިޔޭގައި މިކަމުގައި ޢަމަލުކުރަމުންދާ ފޮތް ބައްލަވާ ދިރާސާކުރެއްވުމަށްފަހު 5 ޖެނުއަރީ 2025 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން.” ވަޒީރު ވިދާޅުވިއެވެ.

ހައްޖަކީ އިސްލާމް ދީނުގެ ފަސްވަނަ ރުކުނަށްވާއިރު، ކޮވިޑް-19ގެ ސަބަބުން ދެ އަހަރުވަންދެން ހައްޖަށް ނުގެންދެވުމުގެ ސަބަބުން ކިއުގައި ތިބި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މި އަޅުކަން އަދާކުރުމަށް، ޢުމުރުން ދުވަސްވީ މީހުންނަށް ފުރަތަމަ އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޝަހީމު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހައްޖު ކޯޓާ އިންސާފުވެރިކަމާއެކު ތަރުތީބުކުރުމަށް ހާއްސަ އުސޫލުތަކެއް ކަނޑައަޅުއްވާފައެވެ. މި އުސޫލުތަކުގެ ތެރޭގައި އަލަށް ހައްޖަށްދާ ފަރާތްތަކަށް އިސްކަންދިނުމާއި، ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ހައްޖަށް ނުދެވޭނެ ގޮތް ހެދުން ހިމެނެއެވެ. މީގެ އިތުރުން، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ އަހަރަކުވެސް ވަކި އިންސައްތައެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. ހައްޖުގެ އާމިލުންނާއި ހިދުމަތްތެރިންނާއި ސިއްހީ މާހިރުން މި ބަދަލުތަކުން އިސްތިސްނާވާނެއެވެ.

ރައީސް މުއިއްޒުގެ ވައުދަކީ ހައްޖުގެ ކަންކަން ހަރުދަނާކޮށް، ދިވެހި ހައްޖުވެރިންނަށް ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. މިގޮތުން، “މައްކާ ރޫޓު އިނިޝިއޭޓިވް” ދިވެހިންނަށް ތަޢއާރަފުކުރެވިފައިވެއެވެ. މިއީ ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް ސައުދީ އަރަބިއްޔާއިން ފެށްޓެވި މަސައްކަތްޕުޅެކެވެ. މި ހދުމަތުގެ ދަށުން، ދިވެހި ހައްޖުވެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެ މަގުފަހިވެ، ސައުދީއަށް ދިއުމުން އެއާޕޯޓުގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެއެވެ.

“ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް މިދާއިރާއިން ދަނީ އިންގިލާބީ ބަދަލުތަކެއް ގެންނަމުން. މިގޮތުން ރާއްޖޭގެ ރައްޔިތުންނަށް މައްކާ ރޫޓް ތައާރަފްކުރެވި، ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކުން ޖިއްދާ އެއާޕޯޓްގެ އެރައިވަލްގައި މަޑު ކުރަން ނުޖެހި ހޮޓަލަށް ދެވޭނޭ އިންތިޒާމްވަނީ ހަމަޖެހިފައި.” ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަހަރު ހައްޖަށް ދިޔަ ކޮންމެ މީހެއްގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓެއް ބީއެމްއެލްއިން ހަމަޖައްސައިދެއްވިއެވެ. މި ހުރިހާ ބަދަލުތަކާއެކު، ދިވެހި ޙައްޖުވެރިންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް އިތުރު ފަސޭހަތަކެއް ލިބި، ފުރުސަތު އިތުރު ބަޔަކަށް ފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް