ނަފްސަށްވުރެ ދިވެހިޤައުމު އިސްކުރުމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ސިފައިންނަށް އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރު މިގޮތަށް އިލްތިމާސްކުރެއްވީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު “ދަރުމަވަންތަ” އެމްއެންޑީއެފްއާއި ހަވާލުކޮށް ކޮމިޝަންކުރެއްވުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ އެމަނިކުފާނުގެ އެންމެ ބޮޑު ޢަމާޒެއްގެ ގޮތުގައި އަބަދުވެސް އޮތީ، ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓުންކަމުގައި ވިދާޅުވިއެވެ. އަދި މިއަދާހަމައަށްވެސް، ގައުމުގެ މަސްލަހަތު އިސްކުރައްވާ، ގައުމަށް ފައިދާވާގޮތަށް މުހިންމު ގިނަ ނިންމެވުންތަކެއް ނިންމަވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަނަވަރު “ދަރުމަވަންތަ” އަކީ ރާއްޖޭގެ އަސްކަރިއްޔާގެ ކަނޑުގެ ހިދުމަތުގެ ތާރީހުގައި މިހާތަނަށް ނެރުނު އެންމެ ބޮޑު އަސްކަރީ މަނަވަރުކަން ފާހަގަކުރަށްވާ މިނިސްޓަރު ވިދާޅުވީ މިމަނަވަރާއެކު، ދުރު ރާސްތާތަކަށް ދަތުރުކޮށް ބަރު ހަތިޔާރާއެކު ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިގެން ދާނެ ކަމަށެވެ. އަދި މިއީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ކެނޑި ނޭޅި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރުގެ ވާހަކައިގައި ވަނީ އެކަމަށްޓަކައި ދިވެހި ސިފައިންގެ ނަމުގައި ރައީސަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
މިނިސްޓަރުގެ ވާހަކައިގައި ދިވެހި ސިފައިންނަކީ އަބަދުވެސް ދިވެހި ގައުމުގެ މިނިވަން ކަން ދިފާއުކުރުމަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރި ބައެއް ފާހަގަކުރެއްވިއެވެ. އަދި އެއީ މަދު ވަސީލަތްތަކާއެކު ވަރަށް ހިތްްވަރާއެކު މަސައްކަތް ކުރެއްވި ވަރުގަދަ ހިދުމަތްތެރީންތަކެއް ކަމަށް ވިދާޅުވިއެވެ.
އަދި ނަފްސަށް ވުރެ އަބަދުވެސް ގައުމު އިސްކުރުމަށް ސިފައިންނަށް އިލްތިމާސް ކުރައްވަމުން މިނިސްޓަރު ވަނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަބަދުވެސް ދިވެހި ސިފައިން ހިމާޔަތް ކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު