ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތުރުކީއިން ހަދިޔާ ކުރާ މަނަވަރު މިއަދު ދިވެހި އަސްކަރިއްޔާއަށް ހަވާލުކޮށްފިއެވެ.

”ދަރުމަވަންތަ“ ނަން ދިނުމަށްފަހު ތުރުކީއިން ހަދިޔާކުރި މަނަވަރު ހަވާލުކޮށް ކޮމިޝަން ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އަދި ދައުލަތުގެ ވަޒީރުންގެ އިތުރުން ތުރުކީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި މަނަވަރުގެ ކޮމާންޑިންގ އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ލެފްޓިނެންޓް ކާނަލް ހަސަން ޝިނާނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ ވިދާޅުވީ މިއީ ދިވެހި އަސްކަރިއްޔާ ތަރައްގީ ކުރުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދަވާކަން ހާމަވާ ކަމެއް ކަމަށެވެ. ދިވެހި އަސްކަރިއްޔާގެ ކޯސްޓުގާޑަށް އިތުރުވާ އެންމެ ބޮޑު އުޅަނދުގެ ގޮތުގައި ފާހަގަކުރެއްވީ ހިލްމީއެވެ.
ހިލްމީ ވިދާޅުވީ ރާއްޖޭގެ އީއީޒެޑް ހިމާޔަތް ކުރުމަށް އިތުރަށް ފަހިވެ އަދި ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ލަޝްކަރުގެ ބާރުތައް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކުރީ TCG Volkan (P-343) ނަމަކަށް ކިޔާ އަސްކަރީ މަނަވަރެކެވެ. އެއީ ތުރުކީ ނޭވީއަށް 1981ވަނަ އަހަރުގެ މޭ މަހު ޚިދުމަތަށް ނެރުނު ބޯޓެކެވެ. މި ބޯޓަށް މިދިޔަ އަހަރު 43 އަހަރު ވުމާއެކު ވަނީ ޓެސްޓުތައް ހެދުމަށާއި، ޓްރެއިނިންތަކަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ.
ޑޯގަން ކްލާހުގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނަށް ނިސްބަތްވާ ބޯޓު ފަރުމާކުރުންތެރިއެއް ކަމަށްވާ ލާރްސަން ވާފްޓެވެ.


ކިޔުންތެރިންގެ ހިޔާލު