މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ވެރިޔަކަށް އަލަށް އައްޔަންކުރި އިސްމާއިލް ސާޖިދާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބައްދަލުކޮށްފި އެވެ.
ސާޖިދު އެފްއައިޔޫގެ ވެރިޔަކަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރުމަށް ފަހުއެވެ.
އެފްއައިޔޫގެ ވެރިޔާއާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އޭސީސީން ސޯޝަލް މީޑިއާގައި ބުނީ އެ ބައްދަލުވުމަކީ ތައާރަފުވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
ދެ މުއައްސަސާއާ ގުޅުންހުރި މައްސަލަތަކުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އޭސީސީން ބުންޏެވެ.
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔާ ބަދަލުކުރިއިރު، އެ ޔުނިޓުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހިއްސާވެވަޑައިގަންނަވާ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ މައްސަލަ މިދިޔަ އަހަރުން ފެށިގެން ބަލަމުން އަންނަ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު