ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލުން ހިދުމަތް ހޯދާ ދެވަނަ އެއާލައިން އެއާ އަރަބިއާގެ ދަތުރުތަކަށް އެ ޓާމިނަލް ބޭނުންކުރަން ފަށައިފިއެވެ.
ޔޫއޭއީގެ ބަޖެޓް އެއާލައިން އެއާ އަރަބިއާގެ ދަތުރުތައް އައު ޓާމިނަލުން ފެށުމުގެ ގޮތުން އެމްއޭސީއެލުން ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފައެވެ.

އައު ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދިނީ، މިދިޔަ މަހު 27 އިން ފެށިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓުތަކަށެވެ. އެއާ އަރަބިއާގެ ދަތުރުތައް މި ފެށީ އޭގެ ދެ ހަފުތާ ފަހުންނެވެ.
އެ އެއާލައިނުން ދަތުރުކުރަނީ މާލެ އާއި މެދު އިރުމައްޗާއި ޔޫރަޕުގެ ގައުމުތަކާ ދެމެދުގައެވެ.
އައު ޕަސެންޖަރ ޓަރމިނަލަށް އިތުރު 7 އެއަރލައިނެއް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ފަށާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުން ދާދިފަހުން ހާމަކުރިއެވެ.
ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލުން މިހާރު ޚިދުމަތް ދެމުންދަނީ ހަމައެކަނި މޯލްޑިވިއަންއާއީ އެއާ އަރަބިއާގެ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ.
އެއަރޕޯޓްގެ ބެލެނިވެރި ކުންފުނި – އެމްއޭސީއެލުން ބުނީ، އެކުންފުނީގެ ސްޓޭކްހޯލްޑަރުންނާއި އެއަރލައިން ޕާޓްނަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އިތުރު 7 އެއަރލައިނެއްގެ އޮޕަރޭޝަންތައް އައު ޓަރމިނަލަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މި ބައްދަލުވުމުގައި އެއަރލައިންތަކަށް އައު ޓަރމިނަލަށް ބަދަލުވުމުގެ ޕްރޮސެސްއާއި އޮޕަރޭޝަންތައް ފުރިހަމައަށް ގެންދެވޭނެ ގޮތުގެ މައުލޫމާތު ދީފައިވާ ކަމަށްވެސް އެމްއޭސީއެލްއިން ބުންޏެވެ.
އެމްއޭސީއެލްއިން ބުނެފައިވާ ގޮތުގައި، އައު ޓަރމިނަލަށް ބަދަލުކުރާނެ އެއަރލައިންތަކުގެ ތެރޭގައި ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، އެއާ އަރަބިއާ، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ހިމެނެއެވެ. މި އެއަރލައިންތައް މި މަހުގެ ތެރޭގައި ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު