ރާއްޖެ އާއި ސައޫދީ އަރަބިއްޔާ އަދި މެދުއިރުމަތީގެ އިސްލާމީ ގައުމުތަކާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.
ހަލީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ހަލީލް ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ދުވަހަކަށްވުރެ ދުވަހެއް ދަނީ ވަރުގަދަވަމުން ކަމަށެވެ. އެގޮތުން މިދިޔަ ދައުރުގައި ރާއްޖޭގެ އިސްވެރިން ސަޢުދީއަށް 6 ފަހަރު ވަޑައިގެން، 6 ބައްދަލުވުމެއް ބޭއްވިއިރު، މި ސަރުކާރަށް މިވީ ދޮޅު އަހަރުގެ ތެރޭގައި 7 ފަހަރު ސައުދީއަށް ވަޑައިގެން 7 ބައްދަލުވުމެއް ބާއްވާފައިވާކަން ހަލީލް ފާހަގަކުރެއްވިއެވެ.
“ޚާއްސަކޮށް ފާހަގަކޮށްލަން ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ޙައްޖަށް ވަޑައިގެންނެވިއިރު، ސަޢުދީގެ ވަލީ އަހްދާ ބައްދަލުކުރެއްވި. ދެ ބޭފުޅުންގެ ދެމެދު ވަރަށް ޚާއްސަ މަޝްވަރާތަކެއް ކުރެއްވި. ދުވަހަކަށްވުރެ ދުވަހެއްދަނީ ސަޢުދީއާއެކު އޮތް ގުޅުން ވަރުގަދަވަމުން. ފައިސާއިން ބެލިޔަސް، މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، 3 މިލިޔަން ޑޮލަރުގެ އެހީއެއް ސަރުކާރުން ދެއްވި.” ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވަމުން ގެންދަވަނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. އޭގެ ނަތީޖާއަކީ ޢަރަބި އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހިވެ، ފަލަސްޠީނުގެ ދިފާޢުގައި އެންމެ ވަރުގަދައަށް މަސައްކަތްކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ބައިނަލްއަޤުވާމީ މުޖުތަމަޢުތަކުން ބަލައިގަތުންކަމަށް ހަލީލްވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ކުރީކޮޅު ސައޫދީ ސަރުކާރުން އެހީގެ ގޮތުގައި ތިން މިލިއަން ޑޮލަރު ވެސް ދިން ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ނިންމަން އިތުރަށް ބޭނުންވި ފައިސާ ވެސް ސައުދީ ފަންޑުން ލިބުނީ މި ސަރުކާރުން ކުރި މަސައްކަތުން ކަަމަށް އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ، ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ގާއިމްކޮށްދިނުމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ގައުމަކީ ވެސް ރާއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ، ފަލަސްތީނުގެ މައްސަލާގައި ރާއްޖެ އިން ތާއީދު ކުރަނީ “ޓޫ ސްޓޭޓް ސޮލިއުޝަނަށް” ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު