11 months ago
އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ވަގުތީ ގޮތުން މެދުކަނޑާލުމާ އެކު މާލޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުތަނުން އުފުލިއްޖެ އެވެ.
އަންނަ އަހަރު އޮންނަ އިންޑިއާގެ ލޮކް ސަބާ އިންތިހާބާ ދިމާކޮށް އިންފްލޭޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން, އަންނަ އަހަރުގެ މާޗް މަހާ ހަމައަށް އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން ވަނީ މަނާކޮށްފަ އެވެ.
ރާއްޖޭގެ ބާޒާރުގައި އާއްމުކޮށް ވިއްކަން ހުންނަނީ ޗައިނާ، ޕާކިސްތާނު އަދި އިންޑިއާ އިން އެތެރެކުރާ ފިޔަ އެވެ. އޭގެތެރެއިން އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ އިމްޕޯޓްކުރާ ގައުމެވެ.
އިންޑިއާގެ މި ނިންމުމާއެކު މާލޭގެ ބާޒާރުގައި ފިޔާގެ އަގު މިހާރު ހުރީ އުފިލިފައެވެ. އަހަރުގެ މެދުތެރޭ ހިސާބުގައި ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު އުޅުނީ 200ރ. އާ 400ރ. އާ ދެމެދުގެ އަގެއްގަ އެވެ. މިއަދު ބާޒާރުގައި ފިޔާ ބަސްތާއެއް ލިބެން ހުރީ 550ރ. އާއި 800ރ. އާ ދެމެދުގެ އަގެއްގަ އެވެ. ކިލޯއެއްގެ އަގު ހުރީ 30ރ. އާއި 40ރ. އާ ދެމެދު އެވެ.
އިންޑިއާއިން ބުނެފައިވާ ގޮތުން އެގައުމުން ފިޔާ ބޭރު ކުރެވޭނީ ތިން ހާލަތެއްގަ އެވެ. އެގޮތުން އެކްސްޕޯޓުކުރުން މަނާ ކުރުމުގެ އިއުލާނު ނެރުމުގެ ކުރިން ލޯޑު ކޮށްފައިވާ ފިޔާ ކޮންސައިންމަންޓްތައް އެކްސްޕޯޓު ކުރެވޭނެ އެވެ.
އަދި ޝިޕިން ބިލް ހުށަހަޅައި، ފިޔާ ލޯޑްކުރުމަށް އިންޑިއާގެ ބަނދަރުތަކަށް ކުރިން ބަނދަރުކޮށްފައި އުޅަނދުތަކުގެ ރޮޓޭޝަން ނަންބަރު, އިއުލާން ނެރުމުގެ ކުރިން ކަނޑަ އަޅާފައިވާ ނަމަ އެކަން ކަމާ ބެހޭ ފަރާތްތަކުން ކަށަވަރު ކުރުމަށްފަހު ފިޔާ އެކްސްޕޯޓު ކުރެވޭނެ އެވެ.
އޭގެ އިތުރުން އެހެން ގައުމުތަކުގެ ސަރުކާރުން, އިންޑިއާ ސަރުކާރުގައި ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދައަށް އެދިއްޖެނަމަ އެކަން ކޮށްދޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.