މާލޭ ސަރަޙައްދުގެ ފެނުގެ ހިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިކަމަށްޓަކައި ރޭ އެމްޑަބްލިއުއެސްސީގެ ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، މި އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެކުންފުންޏަށް 29 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ 10 މުވައްޒަފުންނާއި، މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އާއި، ކުންފުނީގެ ޗެއާ ޕާސަން ޝަމްހޫޒާ އަހުމަދުގެ އިތުރުން ބޯޑު މެންބަރުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަތީން ވިދާޅުވީ، މިއީ މި މަޝްރޫއުގެ ވަރަށް މުހިންމު މަރުހަލާއެއް ކަމަށާއި މި ހުރިހާ މަސައްކަތެއްގެ އެންމެ ބޮޑު މޭސްތިރިއަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އެހެންކަމުން އެމްޑަބްލިއުއެސްސީގެ ނަމުގައި މަތީން ވަނީ ރައީސްއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

“ފެނުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތުގައި ކުރަން ވަރަށް ބޮޑެތި މުހިންމު މަސައްކަތްތަކެއް އެބަހުރި. އެމްޑަބްލިއުއެސްސީން މިކުރާ މަސައްކަތްތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން. އެގޮތުން ބަލާއިރު އަޅުގަނޑުމެންގެ މި މަޝްރޫއުތައް، މިއަހަރަށް އަޅުގަނޑުމެން ޓާގެޓްކޮށްފައި ހުރި ކަންކަމަށް ފައިސާ ހަމަޖެއްސުމުގައި ރައީސްގެ ވަރަށް ހާއްސަ އެހީތެރިކަމެއް ލިބިފައިވޭ. މިކަމަށްޓަކައި އަޅުގަނޑުމެންގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި ރައީސްއަށް ވަރަށް އިޚުލާސްތެރި ޝުކުރެއް ދަންނަވަން.” މަތީން ވިދާޅުވިއެވެ.
ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތް ފެށުނު މި އިމާރާތުގެ މަސައްކަތް ނިންމުމަށް އަމާޒުކުރެވިފައިވަނީ އަންނަ މަހުގެ ނިޔަލަށެވެ. މި އިމާރާތުގެ މަސައްކަތް ނިމުމާއެކު، ދުވާލަކު 5000 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް މި އިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފެށޭނެއެވެ.

މިއީ މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތުގެ ގާބިލުކަން އިތުރުކޮށް، ކުރިއަށް އޮތް ތަނުގައިވެސް ފެނުގެ ހިދުމަތް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
ރޭ އަމަލީ މަސައްކަތް ފެށިގެން ދިޔަ، އާރް.އޯ ފެސިލިޓީ އަކީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު