ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަނެވި، މިހާރު މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްވެފައިވާ ކަމަށެވެ.
ރައީސް މުޢިއްޒު، ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބ. ކުޑަރިކިލަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެ މަނިކުފާނު ފާހަގަކުރެއްވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ކުޑަރިކިލަށް ވަޑައިގެން ރައްޔިތުންގެ އެދުންތައް އަޑުއައްސަވައި، އެ ބޭފުޅުންނަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ.
“މިހާރު އަޅުގަނޑުމެންނަށް ކަންތައްތައް އިންތިޒާމުކުރެވިފައިވާ ގޮތުން، ވޭތުވެދިޔަ މުއްދަތުގައި މި ރަށާއި މިފަދަ އެހެން ރަށްރަށުގައި މަސައްކަތްތައް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހައި ތައްޔާރީތައް ވަނީ ފުރިހަމަކުރެވިފައެވެ. އެހެންކަމުން، މި ދަތުރުގައި ތިޔަ ބޭފުޅުންނަށް އަރުވަން ބޭނުންވާ އެންމެ މުހިންމު ޔަޤީންކަމަކީ، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވެފައިވާ އެކިއެކި ހުރަސްތަކުން އަރައިގަނެވި، މި ރަށް ހިމެނޭ ގޮތަށް އެކި ރަށްރަށުގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު މިހާރު ވާނީ ތަނަވަސްކުރެވިފައެވެ،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޑަރިކިލުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމައަށް އަދާކުރައްވާނެ ކަމަށްވެސް އެ މަނިކުފާނު ޔަޤީންކަން ދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު