Advertisement

މުސްލިމުން އެއްބައިވަންތަވެ، ދީނީ އެއްގޮތްކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

ގައުމު ބައިބައިކުރުމަށް މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަށާއި މުސްލިމުން އެއްބައިވަންތަވެ، ދީނީ އެއްގޮތްކަން ދެމެހެއްޓުމަށް މިއަދުގެ ހުތުބާގައި ގޮވާލައްވައިފިއެވެ.

މި ހުތުބާގައި ވަނީ ދިވެހި އިސްލާމީ ކިއްލާގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، މާތް ނަބިއްޔާ މުހައްމަދު ﷺ ގެ ސަހާބީންނާއި އަހުލުބައިތުންގެ މަތިވެރި މަގާމާއި، އެބޭކަލުން ދެކެ ލޯބިވުމުގެ މުހިއްމުކަން ވަރަށް ބޮޑަށް ބަޔާންކުރައްވާފައެވެ.

Advertisement

މިއަދުގެ ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ އިސްލާމްވި ފަހުން އެއް ހާސް އަހަރު ފުރޭން ކައިރިވަމުން މި އަންނަނީ، މި ލޮބުވެތި ވަތަން ސުންނީ މުސްލިމު ގައުމެއްގެ ގޮތުގައި ދެމިއޮވެގެންނެވެ. ނަބިއްޔާއަށް ފަހު އެންމެ މަތިވެރިކުރާ ބަޔަކީ އެކަލޭގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ސަހާބީން ކަމުގައި ހުތުބާގައި ވިދާޅުވިއެވެ.

މި ވޭތުވެ ދިޔަ ޒަމާންތަކުގައި ދިވެހި އިލްމުވެރީން، މަތިވެރިވެގެންވާ އާލުބައިތުންނާއި، މާތްސަހާބީންނާއި ތާބިއީންނަށް ބަދުބަސް ބުނެފައި ނުވާ ކަމަށާއި، ދިވެހިން ވެސް ވާންޖެހޭނީ އެ ބޭކަލުން މާތްކޮށް، އެ ބޭކަލުން ދެކެ ލޯބިވާ، އަދި އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެ ބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކު ކަމުގައި ހުތުބާގައި އިރުޝާދު ދެއްވިއެވެ.

މި މަތިވެރި އަގީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބޭންޖެހޭނެ ކަމަށް މިއަދުގެ ހުތުބާގައި ގޮވާލެއްވިއެވެ. އަދި، އަހަރެމެން ބައިބައިކުރާން ނުކުންނަ އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަށް ހުރިހާ މުސްލިމުންނަށް ވަސިއްޔަތްކުރައްވަމުން، އެއްބައިވަންތަވެ، ދީނީ އެއްގޮތްކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލެއްވިއެވެ.

“މި މަތިވެރި އަގީދާގެ މަތީގައި އަހަރެމެން ފައިތިލަ ސާބިތުކޮށްގެން ތިބޭންޖެހެއެވެ. އަހަރެމެން ވަތަނެއްގެ ގޮތުގައި އެއްބައިވަންތަކޮށް އެކައްޗެއްގެ ގޮތުގައި ހިފައިހައްޓައިދިން ވަރުގަދަ އަގީދާއަކީ މިއެވެ. މި އަގީދާއިން އަހަރެމެން ފައި ކައްސައިލައިފި ނަމަ، އަހަރެމެންގެ ތެރޭގައި ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދޭނެއެވެ. އަހަރެމެން ބައިބައިކުރާން ނުކުންނަ އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަށް ހުރިހައި މުސްލިމުންނަށް ވަސިއްޔަތްކުރަމެވެ!” ހުތުބާގައި ވިދާޅުވިއެވެ.

ސަހާބީންގެ މަތިވެރި މަގާމުގެ މައްޗަށް އަލިއަޅުވާލައްވަމުން ހުތުބާގައި ވިދާޅުވީ، ސަހާބީންނަކީ މާތްﷲ ރުހިވޮޑިގެންވާކަމުގެ ހަބަރު ދެއްވާފައިވާ ބއެއް ކަމަށާއި އެއީ ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބައެއް ކަމަށެވެ.

ހުތުބާގައި ގޮވާލެއްވީ، ނަބިއްޔާގެ ސަހާބީންނާއި، އެކަލޭގެފާނުގެ އާލުބައިތުންނަކީ، މަތިވެރިކުރާންޖެހޭނޭ ބައެއް ކަމަށާއި، އެ ބޭކަލުންނަށް އިޙުތިރާމުކޮށް، އެ ބޭކަލުންނާ މެދު ހިތްތައް ސާފުކުރާންޖެހޭނެ ކަމަށެވެ. އަދި ސަހާބީންނަށް ކުޑައިމީސްކޮށް ބަސްބުނުން ރަސޫލާ ވަނީ މަނާކުރައްވާފައެވެ.

އަސްހާބުބޭކަލުންނަކީ އެންމެ މާތް، އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުން ކަމަށާއި، އިސްލާމްދީން އަހަރެމެންނާ ހިސާބަށް ފޯރުކޮށްދެއްވި ބޭކަލުން ކަމުގައި ހުތުބާގައި ވިދާޅުވިއެވެ.

މި އުންމަތުގެ ނަބިއްޔާއަށް ފަހު އެންމެ މަތިވެރިވެގެންވާ ބޭކަލުން ކަމުގައިވާ، އަބޫބަކުރުގެފާނު، އުމަރުގެފާނު، އުސްމާނުގެފާނު އަދި އަލީގެފާނުގެ މަގާމުތަކުގެ މައްޗަށް ވެސް ހުތުބާގައި ވަނީ އަލިއަޅުވާލައްވާފައެވެ. ސުންނަތް ޖަމާޢަތުގެ އަގީދާއަކީ މިއީ ކަމަށާއި، މިއާ ހިލާފުވަނީ ބާތިލު ފިކުރުތަކުގެ އަހުލުވެރީން ކަމުގައި ވެސް ހުތުބާގައި ވަނީ ވިދާޅުވެފައެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް